03 Aug 2011, 14:28
ރާއްޖޭގެ އިގުތިސާދަށް ގެންނަމުން ގެންދާ ބަދަލުތަކުގެ އެއްވެސް ކަމެއް ފުރިހަމަނުވެ އޮވެއްޖެ ނަމަ، އިގުތިސާދަށް އަބަދުވެސް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ސީޝެލްސްއަށް ފެއްޓެވި ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ތަކެތީގެ އަގަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ޓެކްސްގެ ބިލްތައް ނިންމުން ވަރަށް މުހިންމު ކަމަށާއި ޓެކްސްގެ ބިލްތައް ނިމުމުން، ބަޖެޓްގެ ޑެފިސިޓް ކުޑަކުރުން ވެސް އެހާ މުހިންމު ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިގުތިސާދީ ޕްރޮގްރާމަކީ، ސަރުކާރުގެ ވައުދުތައް ކަމުގައިވާ ތަކެތީގެ އަގުތައް ތިރިކުރުމަށާއި ދިރިއުޅުމުގެ ހަރަދު ކުޑަކުރުމަށް ހުށަހެޅިފައިވާ ޕްރޮގްރާމެއް ކަމަށް ވިދާޅުވި އެވެ. އަދި އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުމާ އެކު، ހަރަދު ކުޑަކުރުމުގެ މަސައްކަތް ކުރުމަކީ ވެސް ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެގެން އުޅެނީ، ވަޒީފާގެ ފުރުސަތުތައް ކަމަށާއި ވަޒީފާނެތި އާމްދަނީ ނުލިބުނީމާ، ތަކެތީގެ އަގުބޮޑުކަން އިހުސާސް ކުރެވެމުން ދަނީ ކަމުގައި ވިދާޅުވި އެވެ.
"އެހެންވެ އަށްހާސް ފައްސަތޭކަ މީހުންނަށް އަމާޒު ކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެށްޓުމަށް ސަރުކާރުން ނިންމީ އެކި ތަމްރީނުތައް ފުރިހަމަކޮށްގެން ވަޒީފާގެ ފުރުސަތައް ހޯއްދައިދިނުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.