01 Nov 2017, 10:41
ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ވިލާތުގެ ޗެމްޕިއަން ޗެލްސީ ބަލިވި އިރު، މެންޗެސްޓާ ޔުނައިޓެޑުން މޮޅެއް ހޯދައިފި އެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު 'ގްރޫޕް ސީ'ގެ މެޗުގައި އިޓަލީގެ ރޯމާ އަތުން ޗެލްސީ ވަނީ ބަލިވެފައެވެ. އެ މެޗުން ރޯމާ މޮޅުވެފައި ވަނީ ފަސޭހަކަމާ އެކު 3-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
އެ މެޗު ފެށިތާ 38 ސިކުންތު ތެރޭ ރޯމާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެޑިން ޖެކޯ ދިން ބޯޅަ އަކުން ރޯމާއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ސްޓެފަން އެލް ޝަރާވީ އެވެ. ރޯމާ އިން އެ ލަނޑު ކާމިޔާބުކުރި އިރު، ޗެލްސީގެ ކުޅުންތެރިން ދިޔައީ ބޯޅައިގައި ޖެކޯ އަތްލި ކަމަށް ބުނެ، ރެފްރީ އަށް ޝަކުވާ ހުށަހަޅަމުންނެވެ.
ރޯމާގެ އެ ލަނޑަށް ފަހު، ފުރަތަމަ ހާފުގެ ތެރޭގައި ޗެލްސީއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޗެލްސީގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑަށް ދެ ފުރުސަތެއް ލިބިގެންދިޔަ އިރު، ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާއަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޗެލްސީގެ އެ ހަމަލާ ތަކުގެ ހުރަހަކަށްވީ ރޯމާގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާ އިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ބެލްޖިއަމް މިޑްފީލްޑަރު ރަޖާ ނަންގޯލާން ދިން ބޯޅަ އަކުން ރޯމާގެ އެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ޝަރާވީ އެވެ. ރޯމާ އިން އެ ލަނޑު ކާމިޔާބުކުރީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 ލަނޑުގެ ނަތީޖާ އަކުން ރޯމާ ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފުގައި ޗެލްސީން ލަނޑެއް ޖެހުމަށް މަސައްކަތް ތަކެއް ކުރަމުން ދަނިކޮށް، ރޯމާ އިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ރޯމާ އިން އުފެއްދި ކައުންޓާ އެޓޭކެއްގައި އެލެކްސެންޑާ ކޮލަރޯވް ދިން ބޯޅަ އަކުން ރޯމާ އަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ޑިއޭގޯ ޕެރޮޓީ އެވެ.
އެ މޮޅާ އެކު ރޯމާ ވަނީ 'ގްރޫޕް ސީ'ގެ އެއް ވަނަ އަށް ޖެހިލައިފައެވެ. ރޯމާއަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނަ އަށް ވެއްޓުނު ޗެލްސީ އަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތް ގަރަބާޖް އަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބެންފީކާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ
އަމިއްލަ ދަނޑުގައި ރޭ ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި ބެންފީކާ ބަލިކޮށް، ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ގަދަ 16ގެ އުންމީދު ބޮޑުކޮށްފައެވެ. އެ މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
އެ މެޗުގެ 15 ވަނަ މިނެޓުގައި ބެންފީކާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް އަށް ބްރެޒިލް ޑިފެންޑަރު ޑަގްލަސް ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ނަމަވެސް މާޝިއަލް ފޮނުވާލި އެ ޕެނަލްޓީ، އުމުރުން 18 އަހަރުގެ ބެލްޖިއަމް ގޯލްކީޕަރު މައިލް ސްލިވާ ވަނީ ހުޝިޔާރުކަމާ އެކު މަތަކޮށްފައެވެ.
ޔުނައިޓެޑަށް މެޗުގެ ލީޑު ލިބިގެން ދިޔައީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. މިސީޒަނުގައި ޗެލްސީން ޔުނައިޓެޑަށް ބަދަލުވި މިޑްފީލްޑަރު ނަމެންޔާ މަޓިޗް ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހިފައި ބެންފީކާގެ ގޯލަށް ވަދެފައި ވަނީ ކީޕަރު ސްލިވާ ގައިގައި ޖެހިފައި ބައިކޮޅަށެވެ.
މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެ ވަނަ ލަނޑު ފެނިގެން ދިޔައީ 78 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ޔުނައިޓެޑަށް އެ ޕެނަލްޓީ ލިބުނީ ބެންފީކާގެ ޕެނަލްޓީ އޭރިޔާ ތެރެއިން މާކަސް ރަޝްފާޑަށް އަންދްރޭސް ސަމާރިސް ކުރި ފައުލަކާ ގުޅިގެންނެވެ. ޔުނައިޓެޑަށް އެ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ނެދަލެންޑްސް ޑިފެންޑަރު ޑެލީ ބްލިންޑް އެވެ.
އެ މޮޅާ އެކު ޔުނައިޓެޑް އޮތީ 12 ޕޮއިންޓާ އެކު 'ގްރޫޕް އޭ'ގެ އެއް ވަނައިގައެވެ. ދެ ވަނައިގައި އޮތް އެފްސީ ބާސެލް އަދި ތިން ވަނައިގައި އޮތް ސީއެސްކޭއޭ މޮސްކޯ އަށް ވެސް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ބެންފީކާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.