ދިވެހި ފިލްމީ ދާއިރާގައި ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދެމުން އަންނަ ފިލްމް އެވޯޑްސްގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިސެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި ފިލްމުތައް ބައިވެރި ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ހުޅުވަލާފައިވާކަމަށް އެންސީއޭ އިން ބުނެއެވެ.

ފިލްމް އެވޯޑްސް ޑިސެމްބަރަށް ތާވަލްކޮށްފައިވާއިރު އެވޯޑް ބާއްވާނެ ސީދާ ތާރީހެއް އަދި އާންމެއް ނުކުރެއެވެ.

މިއަހަރުގެ ފިލްމް އެވޯޑްސްގައި ވާދަކުރާނީ 2014 އިން ފެށިގެން 2016 އާއި ހަމައަށް ރިލީޒްކޮށްފައިވާ ފިލްމު ތަކެވެ.

މި މުއްދަތުގައި 17 ފިލްމެއް ވަނީ ރިލީޒްކޮށްފައެވެ. އެއީ ހުޅުދާން، 24 ގަޑި އިރު، އާދޭސް، އިންސާނާ، އަނިޔާ، ރަންދަރި، މިކޮއެ ބައްޕަ ބައޭބައޭ، އެންމެ ފަހު ވިންދާ ޖެހެންދެން، އަހްޝާމް، އެ ރެއަށް ފަހު، ނޭނގި ޔާރު ވަކިވީ، ވާށޭ މަށާއެކީ، ވަފާތެރި ކެހިވެރިޔާ، ހާދަރު، 4426، ވީ ބޭވަފާ، އަދި ބައިވެރިޔާ އެވެ.

މިދިޔަ އަހަރުގެ ފިލްމް އެވޯޑްސްގައި އެންމެ ކާމިޔާބު ފިލްމަކަށް ހޮވުނީ ލޫދިފާއެވެ. ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބުނީ އަމްޖަދު އިބްރާހިމް (އަމްޖޭ) އަށެވެ.

ފިލްމު އެވޯޑްސް އަކީ ދިވެހި ފިލްމީ އުފެއްދުން ތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ، އަގު ވަޒަންކޮށް އެކުވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްތުމުގެ މަގްސަދުގައި ދެމުން އަންނަ ގައުމީ ފެންވަރުގެ އެވޯޑެކެވެ. މީގެ ކުރިން ގައުމީ ފިލްމު އެވޯޑްސް ގެ ނަމުގައި ދެމުން އައި އެވޯޑް މިއަހަރުން ފެށިގެން ދޭނީ ދިވެހި ފިލްމު އެވޯޑްސްގެ ނަމުގައެވެ.