ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ޖާގަތައް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއި ޖަރުމަންގެ ބަޔާން މިއުނިކުން ހޯދައިފި އެވެ.

ގަދަ 16ގެ ޖާގަ ކަށަވަރުކުރި ޕީއެސްޖީ އާއި ބަޔާން އަކީ ޗެމްޕިއަންސް ލީގުގެ 'ގްރޫޕް ބީ'ގައި ވާދަކުރާ ދެ ޓީމެވެ. އޭގެ ތެރެއިން ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ވަނީ އަމިއްލަ ދަނޑުގައި ފަސޭހަކަމާ އެކު އަންޑާލެހްޓް ބަލިކޮށްފައެވެ.

ރޭ ކުޅުނު މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި މާކޯ ވެރާޓީ ކާމިޔާބު ކޮށްދިން އިރު، ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބްރެޒިލް ތަރި ނޭމާ އެވެ.

މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕީއެސްޖީން ދެ ވަނަ ހާފުގައި ޖެހި ތިން ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލަވީން ކުރްޒާވާ އެވެ. ކުރްޒާވާގެ ފުރަތަމަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، އޭނާގެ ދެ ވަނަ ލަނޑު ފެނިގެން ދިޔައީ 72 ވަނަ މިނެޓުގަ އެވެ. އަދި ކުރްޒާވާ ހެޓްރިކް ފުރިހަމަކުރި ލަނޑު ފެނިގެން ދިޔައީ މެޗުގެ 78 ވަނަ މިނެޓުގައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ޖާގައެއް ކަށަވަރު ކުރުމަށް ފަހު، ބަޔާންގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ރޭ ކުޅުނު މެޗުގައި ބަޔާނުން ވަނީ ސެލްޓިކް އަތުން 2-1 ލަނޑުގެ ނަތީޖާ އަކުން މޮޅުވެފައި --- ފޮޓޯ/ އޭޕީ

ރަށުން ބޭރުގައި ބަޔާން ރޭ ކުޅުނު މެޗުގައި ސެލްޓިކް އަތުން މޮޅުވެފައި ވަނީ 2-1 ލަނޑުގެ ނަތީޖާ އަކުންނެވެ. އެ މެޗުގެ 22 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ހޯދައިދިނީ ކިންގްސްލީ ކޯމަން އެވެ. މެޗުގެ 74 ވަނަ މިނެޓުގައި ސެލްޓިކަށް ކެލަމް މެކްގްރެގާ ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް، އޭގެ ހަތަރު މިނެޓް ފަހުން ބަޔާނަށް އަލުން ލީޑު ހޯދައިދިނީ ހަވީ މާޓިނޭޒް އެވެ.

'ގްރޫޕް ބީ'ގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގައި އޮތީ ޕީއެސްޖީ އެވެ. ދެ ވަނައިގައި އޮތް ބަޔާނަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ސެލްޓިކަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް އަންޑާލެހްޓް އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.