ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ، ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ ފިލްމް ބޮސް ރޭ ޕްރިމިއާ ކުރި އިރު މިއީ ނަހުލާއަށްވެސް ބެލުންތެރިންނަށްވެސް ބޮޑު ރެއެކެވެ. މުޅިން އާ ބަތަލަކާއެކު ނަހޫ ސްޓައިލްގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިން އިރު މިއީ ނަހުލާގެ އުއްމީދު ތަކާވެސް ގުޅިފައިވާ ފިލްމެކެވެ.

އޮލިމްޕަހުގައި ރޭ ބޮސް ޕްރިމިއާ ކޮށްދެއްވީ، މީޑިއާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި މިހާރު ވެސް ޚިދުމަތްކުރައްވަމުން އަންނަ، މުހައްމަދު އާސިފް (މޮންދު)އެވެ.

ބޮސް ބަލައިގެން އޮލިމްޕަހުން ނިކުތް ބެލުންތެރިންގެ މޫނުމަތިން ފެނުނީ ފިލްމާމެދު ހިތް ހަމަޖެހިފައި ތިބި މަންޒަރެވެ. ޚާއްސަކޮށް ބޮސް އިން އަލަށް މިދާއިރާއަށް ތައާރަފްވި ޔުނާންގެ އެކްޓިން އަށް ބެލުންތެރިން ވަނީ ތައުރީފް އޮއްސާލައިފައެވެ.

ފިލްމާމެދު ސުވާލު ކޮށްލުމުން ކޮންމެ މީހަކުވެސް ބުނަނީ "ފިލްމު ހަމަ ވަރަށް ރީތި" ކަމަށާ "ޔުނާންގެ އެކްޓިން ވަރަށް ވަރަށް ކަމުދާ" ކަމަށެވެ.

"ޔުނާން އާ އައްޒައާ ދެމީހުން ލޯބިވާ ވާހަކަ ބުނާ ސީން ހާދަ ރީއްޗޭ" ފިލްމު ބަލާފައި ނިކުތް ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

ބޮސްގެ ޑައިރެކްޓަރަކީ އައިޝަތު ރިޝްމީއެވެ. ނަހުލާގެ ފިލްމެއް ރިޝްމީ ޑައިރެކްޓްކުރި މިއީ ފުރަތަމަ ފަހަރެވެ. ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމެންޓުން "ނަހޫ" ސްޓައިލްގެ ފިލްމެއް މި ގެނެސްދިނީ ޒަމާންގަނޑަކަށް ފަހުއެވެ. ފިލްމު ބަލާފައި ކޮންމެ މީހަކުވެސް ބުނާނެ އެއްވާހަކައެއް އެބަ އޮތެވެ.

"ނަހޫ ސްޓައިލަށް މި ފިލްމު ގެނެސްދެން ރިޝްމީ ކުރި މަސައްކަތަށް ސާބަހެވެ."

ފިލްމުގެ ތަރިންގެ އެކްޓިން އަށް ބަލާއިރު ޔުނާންގެ އޮން ސްކްރީން އިމޯޝަންސް އަށް ހަތް ތަރި ދޭހާވަރެވެ. ޔުނާންގެ ރޯލު އޭނާއާ ވަރަށް ގުޅެއެވެ. މޫނުމަތިން ފެންނަ އިހްސާސްތަކާ ޑައިލޮގް ޑެލިވަރީވެސް ވަރަށް ފުރިހަމައެވެ. ރިޝްމީ އާ ނަހުލާގެ މަސައްކަތަށް ސާބަހެވެ. އައްޒަ އާއި ދޮންއައްޔަ އަޒޫ އަދި ޝަމީލްގެ އެކްޓިންވެސް ވަރަށް ފުރިހަމައެވެ.

ފިލްމުގައި އަށް ލަވަ ހިމެނޭއިރު ލަވައިގެ ޅެންވެރިންނާ މިއުޒިކް ހެދި މިއުޒީޝަނުން އަދި ލަވަ ކިޔުންތެރިންނަށްވެސް ސާބަހެވެ.

މިއީ ޔޫސުފް އަށް ފަހު ދިވެހި ފިލްމު ބެލުން ހުއްޓާލައިގެން ތިބި ދިވެހި ފިލްމަށް ލޯބިކުރާ ހުރިހާ އެންމެންވެސް ބަލާހިތްވާނެ، ފިލްމެކެވެ.

ފިލްމުގެ ކުރި މަރައިލުމަށް ޕްލޮޓްގެ ވާހަކަ އަދި ނުދައްކާނަމެވެ. ބޮސް އަކީ ހަމަ ނުބަލާ ދޫކޮށްލާވަރު ފިލްމެއް ނޫނެވެ.