ރާއްޖޭގައި ސްޓާވޯޒް ފްރެންޗައިޒްގެ ފިލްމެއް ޝޫޓު ކުރުން ވެގެން ދިޔައީ ގިނަ ބަޔަކު ވަރަށް ޝައުގުވެރި ކުރުވަނިވި ކަމަކަށެވެ. މިހާ ޝައުގުވެރި ކަމެއް ކުރުމުގައި ސްޓާވޯޒްގެ ކްރޫއަށް އެންމެ ބޮޑު އެހީތެރިޔަކަށް ހަމަ ގައިމުވެސް ވެގެން ދާނީ، އެ ޓީމު ރާއްޖޭގައި ތިބި ތަނެވެ.

ސްޓާވޯޒްގެ ކްރޫއަށް 2015 ވަނަ އަހަރު މެހެމާންދާރީ އަދާކުރީ، ލ. ގަމުގައި 2012 ވަނަ އަހަރު ހުޅުވިގެން ދިޔަ ގެސްޓްހައުސް، ރެވެރީސް ޑައިވިންގް ވިލެޖެވެ.

މި ހަފްތާގައި ކ. މާފުށިގައި ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގައި، ރެވެރީސް ޑައިވިންގް ވިލެޖަށް ވަނީ ރާއްޖޭގެ ލީޑިންގް އެޑްވެންޗަރ ގެސްޓްހައުސްގެ އެވޯޑު ލިބިފައެވެ.

ގެސްޓްހައުސް އެޑިޝަން ތައާރަފުކުރުމުގެ ކުރިން، މިދިޔަ އަހަރު މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ރާއްޖޭގެ އެންމެ މަގުބޫލު ގެސްޓްހައުސްގެ ޝަރަފާއި، ލީޑިންގް އިނޮވޭޝަން އެންޑް ގެސްޓްހައުސް ޑިޒައިންގެ އެވޯޑުވެސް ލިބިގެން ދިޔައީ ރެވެރީސްއަށެވެ.

އޭގެ އިތުރުން ސަރަހައްދީ ފެންވަރުގައިވެސް ރެވެރީސް ވަނީ ދާދި ފަހުން ވަރަށް ބޮޑަށް ވިދާލައިފައެވެ. އެގޮތުން، މިދިޔަ ހަފްތާގައި އައްޑޫ ސިޓީގައި ބޭއްވި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2017ގައި ރާއްޖޭގެ ލީޑިންގް ގެސްޓްހައުސްގެ އެވޯޑާއި، ދެކުނު އޭޝިއާ ސަރަހައްދުގެ ލީޑިންގް ގެސްޓްހައުސްގެ އެވޯޑުވެސް ހާސިލުކުރީ ރެވެރީސް ޑާއިވިންގް ވިލެޖުންނެވެ.

ފެންވަރު ރަނގަޅު 23 ކޮޓަރިއާއި، ތިން ރެސްރޯޓަންޓް އައުޓްލެޓް، ސްޕާއެއް، ފިޓްނެސް ސެންޓަރެއް އަދި ސްވިމިންގް ޕޫލެއްވެސް ހިމެނޭ މި ގެސްޓްހައުސްއިން ޑައިވިންގް، ވޯޓާރ ސްޕޯޓްސް އަދި މަސް ދަތުރު ދިއުން ފަދަ ހަރަކާތްތަކުގެ އިތުރުން، ގަމާއި އެހެނިހެން ސަރަހައްދުތައް ބަލައިލުމުގެ ޓުއާތައްވެސް ފަތުރުވެރިންނާއި މެހެމާނުންނަށް ހަމަޖައްސައިދެއެވެ.