01 Nov 2017, 08:26
ޒުވާން އެކްޓަރު ސިދާރްތު މަލޯތުރާ ކަމުދާ އަންހެން ކުދިންނަށް މިއީ ހަމަގައިމުވެސް އުފާވެރި ޚަބަރަކަށް ވާނެ އެވެ. ސިދާރްތު މިވަނީ އޭނާ ހުރީ ހުސްކޮށް ކަމަށް ހާމަކޮށްފައެވެ.
އޭނާ މިވަގުތު އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން ނޫޅޭކަން ހާމަކޮށްފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'އިއްތިފާގް'ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ.
ސިދާރްތު އާއި ކުޅަދާނަ ބަތަލާ އާލިއާ ބަޓް ލޯބީގެ ގުޅިގެން އުޅުނު ނަމަވެސް މި އަހަރު ތެރޭގައި ދެމީހުންގެ ދޭތެރޭ މައްސަލަ ޖެހި ގުޅުން ނިންމާލާފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
އެކުގައި ފިލްމީ ކެރިއަރު ފެށި ދެ ތަރިންގެ ދެމެދުގައި މައްސަލަ ޖެހުނީ ބަތަލާ ޖެކްލީން ފާނަންޑޭޒް އާއި ސިދާރްތުގެ ބަދަހި ގުޅުމުގެ ސަބަބުންނެވެ. އަދި އާލިއާ އާއި ޖެކްލީން އާދެމެދު މައްސަލަ ޖެހިގެން އުޅޭ ކަމަށް ވެސް ރިޕޯޓުތައް ފެންމަތިވި އެވެ.
ފިލްމު 'އިއްތިފާގް' ގެ ޕްރޮޑިއުސަރުން ކަމުގައިވާ ޝާހްރުކް ޚާން އާއި ކަރަން ޖޯހަރު ވެސް ތިބި އިވެންޓުގައި ވާހަކަ ދައްކަމުން ސިދާރްތު އޭނާ "ސިންގަލް" ކަމަށް ބުނެފައި މިވަނީ، އާލިއާ އާއި ސިދާރްތު ސުލްހަ ކުރުވައިފައި ވާކަމަށް ކަރަން ބުނެފައި ވަނިކޮށެވެ.
ސިދާރްތު އާއި އާލިއާގެ ގުޅުން ރަނގަޅު ނޫން ނަމަވެސް، ސިދާރްތުގެ ކުރިއަށް އޮތް ފިލްމު ރަނގަޅު ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ފިލްމުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިފައި ވާއިރު، ސިދާރްތު އާއި ސޮނާކްޝީ އެކުގައި ފެނިގެންދާ އެ ފިލްމު ރިލީޒް ކުރާނީ ހުކުރު ދުވަހު އެވެ.