އަނިލް ކަޕޫރު އަދި މާދުރީ ދިކްޝިޓް އަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ "ހޮޓް" ޖޯޑެވެ. ދެމީހުންގެ އޮންސްކްރީން ކެމިސްޓްރީ އެހާވެސް ފުރިހަމަ އެވެ. 1992 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ބޭޓާ' ގައި ހިމެނޭ ލަވަ 'ދަކް ދަކް ކަރްނޭ ލަގާ' އެކަނި ވެސް ހެއްކަކަށް ފުދެ އެވެ.

ނަމަވެސް ދެތަރިން އެކުގައި ފިލްމަކުން ނުފެންނަތާ ގިނަ އަހަރުތަކެއް މިވަނީ ވެފައެވެ. އަދި ދެމީހުން އަލުން އެކުގައި ސްކްރީނުން ބަލައިލުމަށް ގިނަ ބަޔަކު މިހާރުވެސް ބޭނުންވެ އެވެ.

އެތައް ބައެއްގެ ދިގު އިންތިޒާރަށް ނިމުމެއް އަންނަން އުޅޭކަމުގެ ސިގްނަލް މިވަނީ ލިބިފައެވެ. އެގޮތުން އިންދްރާ ކުމާރުގެ ކުރިއަށް އޮތް ފިލްމު 'ޓޯޓަލް ދަމާލް' ގައި ދެމީހުން އެކުގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ޚަބަރުތައް ބުނެ އެވެ.

ް'ޓޯޓަލް ދަމާލް' އަކީ ފިލްމު ސީރީޒް 'ދަމާލް' ގެ ތިން ވަނަ ފިލްމެވެ. އެ ފިލްމުގެ ކާސްޓުގެ ތެރޭގައި އަޖޭ ދޭވްގަން، އަރްޝަދް ވާރްސީ އަދި ރިތޭޝް ދޭޝްމުކް ހިމެނެ އެވެ. އަދި ޑައިރެކްޓަރު ކުމާރު މިހާރު އަންނަނީ ފިލްމަށް މާދުރީ އާއި އަނިލް އެއްބަސް ކުރުވުމުގެ މަސައްކަތް ކުރަމުން ކަމަށްވެ އެވެ.

މާދުރީ ވަނީ މީގެ ކުރިން ވެސް ކުމާރުގެ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި 'ދިލް'، 'ބޭޓާ'، އަދި 'ރާޖާ' ފަދަ ފިލްމުތައް ހިމެނެ އެވެ. އެހެންކަމުން 'ޓޯޓަލް ދަމާލް' އަށް ވެސް މާދުރީ އެއްބަސްވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަނިލް ކަޕޫރު އެންމެ ފަހުން ފެނިގެން ދިޔައީ މި އަހަރު ރިލީޒް ކުރި 'މުބާރަކާން' އިންނެވެ. އަނިލް ކަޕޫރު މިހާރު މަސައްކަތް ކުރަމުން އަންނަނީ 'ފެނީ ޚާން' ގައެވެ. 'ފެނީ ޚާން' ގައި އަނިލްގެ އިތުރުން އައިޝްވާރްޔާ ރާއީ ބައްޗަން އަދި ރާޖްކުމާރް ރާއޯ ވެސް މުހިންމު ރޯލުތަކުން ފެނިގެން ދާނެ އެވެ.