ބޮލީވުޑް އެކްޓްރެސް އުރްވަޝީ ރައުޓެލާގެ ޓުވިޓާ އެކައުންޓު ހެކް ކޮށްފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އިއްޔެގެ ވަގުތެއްގައި އުރްވަޝީގެ ޓުވިޓާ އެކައުންޓު ހެކް ކޮށް ވަނީ ޓުވީޓު ކޮށްފައެވެ. ޓުވީޓުގައި ހުތުރު ބަހުން ވާހަކަ ދައްކައިފައި ވާއިރު، އުރުވަޝީ ވަނީ އެއީ އޭނާ ކުރި ޓުވީޓެއް ނޫން ކަމަށް ބުނެފައެވެ.

އެކައުންޓު ހެކް ކޮށްފައި ވާކަން ހާމަކޮށް އުރްވަޝީ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެއީ އޭނާ ކޮށްފައިވާ ޓުވީޓެއް ނޫން ކަމަށާއި، އެކަން ކުރި މީހަކު ހޯދުމަށް ކަމާބެހޭ ފަރާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އޭނާގެ ޓުވިޓާ އެކައުންޓު އަލުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

'ސަނަމް ރޭ' އަދި 'ގްރޭޓް ގެރޭންޑް މަސްތީ' އިން ފެނިގެން ގޮސްފައިވާ ބަތަލާ މިހާރު ކުރަމުން އަންނަނީ 'ހޭޓް ސްޓޯރީ 4'ގެ މަސައްކަތެވެ.

ވިޝާލް ޕަންޑްޔާ ޑައިރެކްޓްކޮށްފައިވާ 'ހޭޓް ސްޓޯރީ 4' ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ ދެ ވަނަ ދުވަހުއެވެ.