01 Nov 2017, 01:25
ށ. މިލަންދޫ އަތުން އެއްވަރުވެ ޓީސީ ސްޕޯޓްސް ކުލަބުން އުރީދޫ ދިވެހި ޕްރިމިއަރ ލީގު ކާމިޔަބު ކުރުމަށް އިތުރު އުނދަގޫތަކަކާ ކުރިމަތި ވެއްޖެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 0-0 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން އެއްވަރުވުމުން ޓީސީ އަށް ވަނީ ތާވަލުގެ އެއްވަނާގަ އޮތް ނިއު ރޭޑިއަންޓާއި ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަ ކުރުމަށް ލިބުނު ފުރުސަތު ގެއްލިފަ އެވެ.
ގދ. ތިނަދޫ އަތުން ރޭ ހޯދި މޮޅާ އެކު ނިއު ވަނީ 30 ޕޮއިންޓާ އެކު، ތާވަލުގެ އެއް ވަނާގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނާގައި އޮތް ޓީސީއަށް 11 މެޗުން ލިބެނީ 26 ޕޮއިންޓެވެ. އަދި މިލަންދޫ އޮތީ 11 މެޗުން ހަތް ޕޮއިންޓާއެކު ތާވަލުގެ ހަ ވަނާގައެވެ.
މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ޓީސީންނެވެ. ނަމަވެސް ޓީސީގެ ފޯވާޑް ލައިނަށް މިލަންދޫގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފައެވެ. މީގެ އިތުރުން މި މެޗުގައި ގިނަ ފައުލުތަކެއް ފެނިގެން ގޮސްފައިވާއިރު، ޖުމްލަ ފަސް ރީނދޫ ކާޑު ރެފްރީ ވަނީ ދައްކާފައެވެ. އެއީ މިލަންދޫގެ ހަތަރު ކުޅުންތެރިންނަށް ދެއްކި ރީނދޫ ކާޑާއި ޓީސީގެ އެއް ކުޅުންތެރިޔަކަށް ދެއްކި ކާޑެވެ.
ލީގުގައި މިހާރު ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ތިން މެޗެވެ.