31 Oct 2017, 21:15
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޓޮޓެންހަމާ ދެކޮޅަށް ނުކުންނައިރު، ރެއާލް މެޑްރިޑަށް އަނިޔާގެ މައްސަލަތަކެއް ދިމާވެ، ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.
ގްރޫޕް އެޗްގައި މާދަމާ ރޭ ޓޮޓެންހަމް ދަނޑުގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރު ވާއިރު، ރިޕޯޓުތައް ބުނާ ގޮތުގައި ރެއާލްގެ މިޑްފީލްޑާ އިސްކޯ އާއި ޑިފެންޑާ ރަފައޭލް ވަރާން އަދި ފޯވާޑް ގެރެތް ބޭލްގެ އިތުރުން އެއް ނަމްބަރު ކީޕަރު ކޭލާ ނަވާސްއަށް މި މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
ކުރީގެ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްވުމަށް ބޭލް ކުރަމުން އައި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. ބޭލް އެނބުރި ފަރިތަކުރުންތަކުގައި ބައިވެރިވި ނަމަވެސް ޓީމު ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.
ނަމަވެސް މިޑްފީލްޑަރ އިސްކޯ ވަނީ ޓީމު ލިސްޓުގައި ހިމަނާފަ އެވެ. ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އިސްކޯ ފުލް ފިޓްނަސް އަށް އައިސްފައިވާ ކަމަށާއި މިރޭގެ މެޗުން އޭނާ ފެނުން އެކަށީގެންވާ ކަމަށެވެ.
ރެއާލަށް ދިމާވެފައިވާ އަނެއް މައްސަލައަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފޯމު ވެއްޓުމެވެ. ނަމަވެސް ޒިދާން ބުނީ ރޮނާލްޑޯ އެނބުރި ފޯމަށް އައިސް ގޯލާ ރައްޓެހިވާން މާދަމާ ރޭގެ މެޗަކީ އެންމެ އެކަށީގެންވާ މެޗު ކަމަށެވެ.
ގްރޫޕު ސްޓޭޖުގައި ރެއާލް ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.