ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ފިލައިގެން އުޅެނިކޮށް ފުލުހުން އަތުލައިގަތް ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ހަވީރު އަމުރު ކުރީ ޝަރީއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ޝާޒް ބެހެއްޓުމަށެވެ. އޭނާގެ މައްޗަށް ދާދިފަހުން ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައެވެ.

މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސްއަށް ވަޅިން ހަމާދީ މަރާލި މައްސަލާގައި ފިލައިގެން އުޅުނު މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއް ރައްޒާގު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

އަނަސްގެ މަރާ ގުޅިގެން އިތުރު ފަސް މީހެއްގެ މައްޗަށް ވެސް ވަނީ

ގަސްތުގައި މަރާލި ކަމުގެ ދައުވާ ލިބޭ މީހުން

  • އުސްމާން ޝަރީފް، މ. ދިމިޝްގް

  • އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ

މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ މީހުން

  • ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ

  • ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވިލާ
  • ސިމާހު މޫސާ، ދަފްތަރު 1746

މި މަހުގެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އެ މީހުންގެ ތެރެއިން އުސްމާނާއި ޒަޔާނާއި ޖުނައިހު އާއި ސިމާހު އަށް ގާނޫނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއްދީފަ އެވެ. މިހާތަނަށް ވަކީލަކު ހަމަޖައްސާފައި ވަނީ ދައުވާ ލިބޭ މަހުފޫޒެވެ.