03 Aug 2011, 13:02
އުމުރުން ދޮށި ވިޔަސް އެންމެ މަތީ ފެންވަރުގައި އަދިވެސް ކުޅެވޭނެ ކަމަށް އިނގިރޭސި ކްލަބް ޗެލްސީގެ މިލްފީޑަރު ފްރޭން ލަމްޕާޑް ބުނެފި އެވެ. އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ބުނީ އެންމެ މަތީފެންވަރުގެ ފުޓްބޯޅައިގައި އޭނާއަށް އަދިވެސް ދެމި ހުރެވިދާނެ ކަމަށާއި ޗެލްސީއާއެކު އަދި ބާކީ ދެއަހަރު އެބަ އޮތް ކަމަށެވެ.
ޗެލްސީގެ އާ ކޯޗާ އެއް އުމުރެއްގައި ހުރި ލަމްޕާޑް ކުޅޭ މަގާމަށް ކުޅޭނެ ޒުވާން ކުޅުންތެރިންތަކެއް މިހާރުދަނީ އެ މަގާމަށް ވާދަކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އެކްލަބުގެ ޒުވާން ތަރި ޖޯޝް މެކްއޭރަން އެވެ.
ވެސްޓްހޭމްއިން 11 މިލިޔަން ޕައުންޑަށް މީގެ 10 އަހަރުކުރިން ޗެލްސީއާއި ގުޅުނު ލަމްޕާޑް ގަބޫލު ކުރާގޮތުގައި އަދި އޭނާގެ ކެރިޔަރުގައި ކާމިޔާބީ ހޯދުމަށް އިތުރު ވަގުތުތަކެއް އެބައޮތެވެ. އޭނާ ކާމިޔާބު ބޭނުންވެ އެވެ.
"އަހަންނަށް ހީވާގޮތުން މިހާރު އުމުރަށް ބެލުމެއް ނެތް. ތިރީސް އަހަރުން މައްޗަށްދާ ކުޅުންތެރިއަކަށް ވެސް މަސައްކަތްކޮށްފިނަމަ އެންމެ މަތީ ދަރަޖައިގާ ކުޅެވޭނެ. މިދިޔަ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑްގެ ރަޔަން ގިގްސް ދެއްކީ އޭގެ މިސާލެއް. 37 ވީއިރުވެސް އޭނާ މޮޅު ކުޅުމެއް ދެއްކި. ރަނގަޅަށް މަސައްކަތްކޮށްފިނަމަ ހުރިހާކަމެއް ވެސް ވާސިލުވެވޭނެ،" ލަމްޕާޑް ބުންޏެވެ.
ޕްރެމިއާ ލީގުގައި މެޗްތައް ކުޅެނީ އުފަލުން ކަމަށާއި ކޮންމެ ދަރަޖައެއްގައި ވެސް ފުޓްބޯޅަ ކުޅެން ބޭނުންވާކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ.
"އަހަރެން ކޮންމެ ދަރަޖައެއްގައިވެސް ފުޓްބޯޅަ ކުޅެން ބޭނުން. ޕްރެމިއާ ލީގު އަހަންނަށް އިތުރު ބާރެއް ގެނުވައިދޭ. ކޮންމެ ދުވަހަކުވެސް މެޗަށް ނުކުންނަނީ އާ އަޒުމެއްގައި." ލަމްޕާޑް ބުންޏެވެ.