މުހައްމަދު އުމައިރުގެ ހެޓްރިކާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އއ.މާޅޮސް އަތުން ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ މާޅޮސް، 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލި ކުރުމަށް ފަހުއެވެ. މި މެޗުން މޮޅު ވުމުން މާޒިޔާ އޮތީ 11 މެޗުން 23 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނާގައެވެ. އެއް ވަނާގައި އޮތް ނިއު ރޭޑިއަންޓަށް 30 ޕޮއިންޓު ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން ޓީސީ އޮތީ 25 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނާގަ އެވެ. އަދި މިއަދުގެ މެޗުން ބަލިވި މާޅޮސް 11 މެޗުން އަށް ޕޮއިންޓާއެކު ފަސް ވަނައިގައެވެ.

މާޒިޔާގެ ފަސްޓް ޓީމް ކޯޗާ ނުލައި އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗު ފެށީ ވަރަށް ރަނގަޅަށެވެ. އެގޮތުން ހަ ވަނަ މިނެޓުގައި މުހައްމަދު އުމައިރު ވަނީ ވަނީ ލަނޑެއް ޖަހައި މާޒިޔާ އަށް ލީޑު ނަގައިދީފައެވެ. އޭގެ އެއް މިނެޓު ފަހުން އުމައިރު ވަނީ އިތުރު ލަނޑެއް ޖަހައި މާޒިޔާގެ ލީޑު ފުޅާ ކޮށްދީފައެވެ.

މެޗުގެ ފުރަތަމަ 10 މިނެޓު ތެރޭ މާޒިޔާ ވަނީ ތިން ލަނޑު ޖަހައި މާޅޮސް ސިއްސުވާލާފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ޖަހައި ދިނީ ކެރިކް އަންދްރެޖެއެވެ. ތިން ލަނޑާއެކު ވެސް މާޒިޔާ ދިޔައީ މާޅޮހުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް މާޒިޔާއަށް މާޅޮހުގެ ގޯލު ހަތަރު ވަނަ ފަހަރަށް ފޫއަޅުވާ ލެވުނީ ފުރަތަަމަ ހާފުގެ ފަހު މިނެޓުގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔަޝްފާދް ހަބީބެވެ.

ދެ ވަނަ ހާފުގެ ގިނަ ވަގުތު ފާއިތުވެގެން ދިޔައީ ގޯލެއް ނުފިނިއެވެ. މާޒިޔާ އިން އިތުރު ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ނިމުމަކަށް އައީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އައްސަދު އަލީ އެވެ. އޭގެ 12 މިނެޓު ފަހުން އުމައިރު ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މި އަހަރުގެ ޗެރިޓީ ޝީލްޑާއި އެސްޓީއޯ މާލޭ ލީގު ކާމިޔާބު ކުރި މާޒިޔާގެ ފޯމް ކަޓާފައިވާއިރު، މިއީ ލީގުގެ ދެވަނަ ބުރުގައި އެ ޓީމު ކާމިޔާބު ކުރި ފުރަތަމަ މެޗުކަން ފާހަގަ ކޮށްލެވެއެވެ. ދާދި ފަހުން އެ ޓީމުން ވަނީ މެސެޑޯނިއާ ކޯޗު މަރްޖާން ސެކުލޮސްކީ ދޫކޮށްލައިފަ އެވެ.

އުރީދޫ ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓީސީ އާއި ށ.މިލަންދޫ އެވެ.