ގައުމީ ފެންވަރުގައި ޑޮޖްބޯލް ނުވަތަ ފައިގަތަޅާ ތައާރަފް ކުރުމުގެ ގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި މެލޭޝިއަން ޑޮޖްބޯލް ފެޑެރޭޝަން ގުޅިގެން ޓްރޭނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ޕްރެކްޓިކަލް އަދި ތިއަރީ ސެޝަންތަކެއް ކުރިއަށްދިޔަ އެވެ. އެ ޓްރޭނިން ޕްރޮގްރާމް ނިންމާލީ އިއްޔެ އެވެ.

ގައުމީ ފެންވަރުގައި ޑޮޖްބޯލް ނުވަތަ ފައިގަތަޅާ ތައާރަފް ކުރުމުގެ ގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި މެލޭޝިއަން ޑޮޖްބޯލް ފެޑެރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޓްރޭނިން ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ސްޕޯޓްސް ކޯޕަރޭޝަން

ރާއްޖެ އަށް ފައިގަތަޅާ ތައާރަފް ގޮތުން ސަރުކާރު ކުންފުނިތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ އެ ޓްރޭނިން ޕްރޮގްރާމުގެ މަގުސަދަކީ ސަރުކާރު ކުންފުނިތަކުގެ މެދުގައި ޑޮޖްބޯލް ޓީމް ތަކެއް ފުރަތަމަ އުފެއްދުން ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. އެ ޓްރޭނިން ކުރިއަށް ގެންގޮސްފައި ވަނީ މެލޭޝިއާގެ ޑޮޖްބޯލް ފެޑެރޭޝަންގެ ތަޖްރިބާކާރު ކޯޗުންނާއި ކުޅުންތެރިން ހިމެނޭ ޓީމެއްގެ އިރުޝާދުގެ ދަށުންނެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ، އެ ޓްރޭނިން އަށް ސަރުކާރުގެ ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ޓްރޭނިންގެ ޖާގައަށް ބަލައި ބައިވެރި ވުމުގެ ފުރުސަތު ދީފައި ވަނީ ކަނޑައެޅުނު އުސޫލެއްގެ ދަށުން ޓީމެއްގައި ހަ ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމަށް ކަމަށެވެ. އެއީ އަންހެން ދެ ޓީމާއި ފިރިހެން ހަތަރު ޓީމެވެ.

ގައުމީ ފެންވަރުގައި ޑޮޖްބޯލް ނުވަތަ ފައިގަތަޅާ ތައާރަފް ކުރުމުގެ ގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި މެލޭޝިއަން ޑޮޖްބޯލް ފެޑެރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޓްރޭނިން ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ސްޕޯޓްސް ކޯޕަރޭޝަން

އެ ޓްރޭނިން ފުރިހަމަކުރި ހުރިހާ ބައިވެރިވެރިންނަށް މެލޭޝިއަން ޑޮޖްބޯލް ފެޑެރޭޝަނުން ސެޓްފިކެޓެއް ދިނުމަށްް ހަމަޖެހިފައިވާ އިރު، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ވެސް ބައިވެރިވި ކަމުގެ ސެޓިފިކެޓެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ 65 ގައުމެއްގައި ކުޅޭ ޑޮޖްބޯލް އަކީ ދިވެހިން ކުޅެމުން އަންނަ ފައިގަތަޅާއާ ވަރަށް އެއްގޮތް ކުޅިވަރެކެވެ.