ވޭތުވެދިޔަ 11 އަހަރު މެދު ކެޑުމެއްނެތި ރާއްޖޭގައި ބާއްވަމުންދާ އެންމެ ބޮޑު އަދި ބައިނަލްއަގުވާމީ ގޮތުން އެކްރެޑިޓް ކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓް "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" އަންނަ މަހުގެ 24 ވާ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރޯޑް ރޭސް ކުރިއަށް ގެންދާނީ ދެ ޑިސްޓެންސް އަކަށް ބަހާލައިގެންނެވެ. އެއީ ފަސް ކިލޯ މީޓަރު އަދި ފަސް ކިލޯ މީޓަރުގެ ކެޓެގަރީ އެވެ. މިއަހަރުގެ ރޭސް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހުޅުމާލޭ ގައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރޭހުގެ ވެސް ޝިއާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށް ވާއިރު، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މި އިވެންޓުގައި ބައިވެރިވާނެ އެވެ. އެންޖީއޯތައް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި އަކީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލެވެ.

ދިރާގުން ބުނީ، ހުރިހާ ދުވުންތެރިން ވެސް ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިޔާއަކަށްކަން ކަނޑައަޅާނެ ކަމަށާއި އެގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެ ކަަމަށެވެ.

އޭގެ އިތުރުން ރޭހުގައި ބައިވެރިވުމަށް ދުވުންތެރިން ގަންނަ ހާއްސަ ޓީޝާޓުން ލިބޭ ފައިސާ ވެސް ކުޑަކުދިންގެ ހައްގުގައި ޖަމިއްޔާ ތަކަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އެއް އިވެންޓެވެ. ދުޅަހެޔޮ ކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ.