31 Oct 2017, 14:47
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި މައްސަލައިގެ އިސްތިއުނާފު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުން އެގޮތަށް ކަނޑައެޅީ މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައެވެ.
އެ މައްސަލަ ކުރިން ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމެވެ.
ފަހުން އެ ބެންޗަށް ގެނައި ބަދަލާއެކު މިހާރު އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.
ފާރިސްގެ މައްސަލަ ބައްލަވާ ބެންޗަށް ބަދަލުގެނައުމުން އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. ސުޕްރީމް ކޯޓުން މައުމޫން ހަމީދަށް އަންގާފައި ވަނީ ބެންޗު ބަދަލުކުރި މައްސަލާގައި ގޮތެއް ނިންމާނީ ހައިކޯޓުން ކަމަށެވެ.
މިއަދުގެ އަޑުއެހުން ސިއްރުކޮށްގެން ބާއްވާފައިވާތީ ޝަރީއަތުގައި ކުރިއަށްދިޔަ ކަންތައްތަކުގެ އިތުރު ތަފްސީލެއް ނުލިބެއެވެ.
ކްރިމިނަލް ކޯޓުން އަމުރުކުރީ ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ މައްސަލައިގެ ޝަރީއަތް ނިމެންދެނެވެ.