31 Oct 2017, 14:45
ޓޯކިޔޯ (އޮކްޓޯބަރު 31): ޖަަޕާނުގެ ޓޯކިޔޯ ކައިރީ އޮންނަ ޒަމާ ސިޓީގެ ފްލެޓަކުން ނުވަ މީހެއްގެ ހަށިގަނޑުގެ ބައިތައް މިއަދު ފެނިއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ޓަކަޝީރޯ ޝިރައިޝީ ކިޔާ މީހެއްގެ ފްލެޓް ފުލުހުން ފާސް ކުރީ އޭނާގެ ފްލެޓް ކައިރީ ހުރި ކޫލް ބޮކްސްއަކުން ދެ މީހެއްގެ ބޯ ފެނުމުންނެވެ. އަދި އޭނާގެ ފްލެޓް ފާސް ކުރުމުން ފުލުހުންނަށް ވަނީ އިތުރު ކޫލް ބޮކްސްތަކަށް ލާފައިވާ އަށް މީހެއްގެ ހަށިގަނޑުގެ ބައިތައް ފެނިފަ އެވެ.
ފުލުހުން މިހާރު ވަނީ އުމުރުން 27 އަހަރުގެ ޝިރައިޝީ، މަރުވެފައިވާ މީހުންގެ ހަށިގަނޑު ނައްތާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. ޖަޕާނުގެ ނޫހެއް ކަމަށްވާ މައިނިޗީ ޝިމްބަން އިން ރިޕޯޓު ކުރި ގޮތުގައި އެއެޕާޓްމެންޓުން ފެނިފައި ވަނީ އަށް އަންހެނުންނާއި ފިރިހެނެއްގެ ހަށިގަނޑުގެ ބައިތަކެވެ.
ޖަޕާނުގެ ފުލުހުންނާ ހަވާލާދީ އެންއެޗްކޭގައިވާ ގޮތުން ފުލުހުންނާ ވާހަކަ ދައްކަމުން ޝިރައިޝީ ވަނީ ނުވަ މީހަކު މަރާލައި އެމީހުންގެ ހަށިގަނޑު ފޮރުވަން މަސައްކަތް ކުރި ކަމަށް އިއުތިރާފުވެފަ އެވެ.
ޝިރައިޝީގެ ގެއަށް ފުލުހުން ދިޔައީ މި މަހުގެ 21 ވަނަ ދުވަހު ގެއްލުނު އުމުރުން 23 އަހަރުގެ އަންހެނަކާ ބެހޭ ގޮތުން ސުވާލު ކުރުމަށެވެ. އެއީ އެއަންހެން މީހާ އަމިއްލައަށް މަރުވާން ބޭނުން ކަމަށް ސޯޝަލް މީޑިއާގައި ޖެހުމުން، ޝިރައިޝީ އޭނާއާ ވާހަކަ ދެއްކިކަން ފުލުހުންނަށް އެނގުމުންނެވެ.
މީގެ އިތުރުން ޝިރައިޝީގެ އަވައްޓެރިޔަކު ވަނީ މިދިޔަ އޮގަސްޓު މަހު އޭނާ އެފްލެޓަށް ބަދަލުވި ފަހުން އެފްލެޓުން ނުބައި ވަސް ދުވަން ފަށާފައިވާ ކަމަށް ބުނެފަ އެވެ. (ބީބީސީ)