31 Oct 2017, 14:54
ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތައް ފިޔަވައި ދެން ހުރި އަތޮޅުތަކުގެ އެކި ހިސާބުތަކަށް މިއަދާއި މާދާމާ ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މޫސުން ޢާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އެހެން ނަަމަވެސް ރާއްޖޭގެ އެހެން އަތަޅުތަކުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ ބ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ އެކި ހިސާބުތަކަށް މިއަދު މެންދުރު 12:15 އިން ފެށިގެން 17:00 އާ ދެމެދު ވަރަށް ގަދައަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާ ކުރާ ކަަމަށެވެ.
އަދި އެ ދެމެދުގެ އަތޮޅުތަކަށް މެޓް އޮފީހުން މިއަދު ވަނީ "ވައިޓް އެލާޓް" ނެރެފި އެވެ.
ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކުގައި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހަތަރު ވައްތެރެއްގެ އެލާޓެއް ނެރެ އެވެ.
ވައިޓް އެލާޓް އާންމުކޮށް ނެރެނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ 50 މިލިމީޓަރަށް ވުރެ ގިނައިން ވިއްސާރަވެހޭނެ ކަމަށް ލަފާ ކުރާ ނަމަ އެވެ. ޔެލޯ އެލާޓް އާންމުކޮށް ނެރެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެލާޓް ނެރޭ ސަރަހައްދުގެ މީހުންނަށް ނުރައްކާ ވެދާނެ ކަމަށް ފެންނަ ނަަމަ އެވެ.
މެޓް އޮފީހުން ގެންގުޅޭ އަނެއް ދެ އެލާޓަކީ އިންޒާރުގެ އެލާޓްތަކެކެވެ. އެއީ ރަތް އަދި ފެހި ކުލަ އެވެ. ރަތް އެލާޓް (އިންޒާރު) އަކީ އެ އެލާޓް ނެރުނު ސަރަހައްދުގެ ހާލަތު ގޯސްވެ އެ ސަރަހައްދުން މީހުން ރައްކާތެރި ހިސާބަށް ގެންދިޔުމަށް ނެރޭ އެލާޓެވެ. އެ ހާލަތުގައި ކަނޑު ދަތުރުކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ފެހި ކުލައިގެ އެލާޓަކީ ރަތް އެލާޓަށް ފަހު އިންޒާރުގެ މުއްދަތު ފަހަނަ އަޅާ ދިއުމުން، ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމުގެ ކުރިން ނެރޭ އެލާޓެވެ.