"މެން ކުކް ޑިނާ ޑޭ" އާ ގުޅުވައިގެން ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް) އިން ސޯޝަލް މީޑިއާގައި ހާއްސަ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ.

ހޮޓެލް ޖެން އާއިވެސް ގުޅިގެން ކުރެވޭ މިހަރަކާތާ ގުޅިގެން ވިމް އިން ބުނީ މަންމަ، އަނބިމީހާ، އަންހެއް ކޮއްކޮ، ދައްތަ ނޫނީ އަންހެން ދަރިފުޅަށް ރޭގަނޑުގެ ކެއުން ތައްޔާރު ކޮށްދޭ ފޮޓޯ އެއް ނެގުމަށްފަހު (#WomenInManagementMaldives ) އަދި (#HotelJenMaleMaldives) މި ހޭޝްޓެގްތަކާއެކު ކެއުން ތައްޔާރުކޮށްދިން ފަރާތް ޓެގް ކުރުމަށްފަހު ފޭސްބުކް އަށް ޕޯސްޓްކުރުމުން މި ހަރަކާތުގައި ބައިވެރި ވެވޭނެ ކަމަށެވެ. ފޮޓޯ ޕޯސްޓް ކުރާއިރު ތިން ފޮޓޯ ޕޯސްޓް ކުރަންޖެހެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށްވިމްއާއި ހޮޓެލް ޖެންގެ ފޭސްބުކް ޕޭޖަށް ޕޯސްޓް ޝެއަރ ކުރި ފަރާތާއި ޕޯސްޓްގައި ޓެގް ކޮށްފަވާ އަންހެން ބޭފުޅާ ލައިކް ދޭން ޖެހެއެވެ.

މި މުބާރާތުގެ އެއްވަނައަށް އަންނަ ފަރާތް ހޮވާނީ ފޭސްބުކް ޝެއާއަށް ބަލައިގެންނެވެ. މިއަދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާނެއެވެ. ފޭސްބުކްގައި ޕޯސްޓްކުރާ ފޮޓޯ ޝެއާ ކުރާއިރު "ޕަބްލިކް" އޯޑިއަންސްއަށް ފެންނަހެން ޝެއަރ ކުރަން ވިމް އިން އެދެއެވެ.

މި މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް ހޮޓެލް ޖެންގެ އަޒުރް ރޫފްޓޮޕް އިން ދެ މީހަކަށް މިކްސް ގްރިލް ބާބަކިއު ޑިނާއެއް (ދެމީހަކަށް) ލިބޭނެއެވެ. ނޮވެމްބަރު ދެވަނަ ދުވަހުގެރޭ އޮންނަ މި ޑިނާގައި އެމީހަކު ބޭނުން ގޮތަކަށް ބާބަކިއު ގްރިލް ކޮށްލުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އެއްވަނަ އަށް އަންނަ ފަރާތް ހޮވާނީ ނޮވެމްބަރު ދެވަނަ ދުވަހުގެ މެންދުރުއެވެ.

"މެން ކުކް ޑިނާ ޑޭ" އަކީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހެވެ. މިއީ އިންޓަރނޭޝަނަލީ ފާހަގަ ކުރާ ދުވަހެއް ނަމަވެސް ވިމް އިން އިސްނަގައިގެން މިއަހަރު މާލޭގައި މި ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކެއްކުމަކީ ހަމަ އެކަނި އަންހެނުން ކުރަންޖެހޭ ކަމެއްގޮތުގައި އޮންނަ ސްޓީރިއޯޓައިޕް ނައްތާލުމެވެ.