ތުލުސްދޫގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ބޭބެ އިބްރާހީމް ނާޝިދުގެ އަމިއްލަ ގޯއްޗެއްގައި ގެސްސްޓް ހައުސްއެއް އެޅުމަށް އިސްލާމިކް ބޭންކާ އެކު ވެފައިވާ އެއްބަސްވުމާ، އިސްލާމިކް ބޭންކުން ހިލާފުވެފައިވާ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

ކ. ތުކުސްދޫ ލުޔޫނާ ކިޔާ ގޯއްޗަކީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ބޭބެ އިބްރާހިމް ނާޝިދުގެ ނަމުގައި ރެޖިސްޓްރީ ކޮށްފައި އޮންނަ ގޯއްޗެކެވެ.

އެ ގޯތީގައި ގެސްޓްހައުސްއެއް ހެދުމަށް "އިސްތިސްނާއު ޕްރޮޖެކްޓް ފިނޭންސް ފެސިލިޓީ އެގްރިމެންޓް"ގެ ދަށުން އިސްލާމިކް ބޭންކާ ހަވާލުކޮށްފައި ވަނީ 2015 މޭ މަހުގަ އެވެ.

އެގްރިމެންޓްގައި ބުނެފައި ވަނީ 11 މަސް ދުވަސް ދުވަހުގެ ތެރޭގައި ފަސް ބުރީގެ ގެސްޓްހައުސްއެއް އެތަނުގައި އަޅައި ނިންމުމަށެވެ. އެ ޕްރޮޖެކްޓް އިސްލާމިކް ބޭންކާ ހަވާލުކޮށްފައި ވަނީ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އިސްތިސްނާއު ފެސިލިޓީއެއްގެ ދަށުންނެވެ.

ރައީސް ނަޝީދާއި އިބްރާހިމް ނާޝިދުގެ ފަރާތުން ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައިގެ ދައުވާގައި ބުނެފައި ވަނީ އެގްރިމެންޓާ ހިލާފަށް އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ގެސްޓްހައުސް އިމާރާތްކުރުން ނިންމާދީފައި ނުވާތީ އެތަން ނިންމައި ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދޭ ކަމަށެވެ.

އެ ދައުވާ ކޮށްފައި ވަނީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުންނެވެ.

ސާދަ ކޮޓަރީގެ އެ ގެސްޓްހައުސްއަޅަނީ 2000 އަކަފޫޓުގ ބިމެއްގަ އެވެ.