03 Aug 2011, 12:11
މި ސަރުކާރުގެ ސިޔާސަތު ހުރި ގޮތުން، އާހިރުގައި ރާއްޖެ އިންޑިޔާގެ ބާރުގެ ދަށަށްގޮސް، ދިވެހިން އަޅުވެތި ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅު ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން ހުށަހެޅި ބިމުގެ ބިލަށް ވަރަށް ބޮޑަށް ފާޑޫވިދާޅުވެ ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، މި ސަރުކާރު އައިފަހުން މުޅި ގައުމު ވަނީ އިންޑިޔާގެ ދަށުވެފައި ކަމަށެވެ. އަދި އިންޑިޔާ ސަރުކާރަށް އަޅުގަނޑުމެން ވިކެން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީ އަށް މެންބަރުންކޮޅެއް ގަނެދޭގޮތަށް އެއްބަސްވެގެން އިންޑިޔާ ސަރުކާރަށް އެމްބަސީ ހެދުމަށް އެ ދިނީ ބޮޑުބިމެއް. ކެރިގެން މި ދަންނަވަނީ. ރާއްޖެ ދުވަސްކޮޅަކުން ވެގެންދާނީ އިންޑިޔާގެ ކުޑަކުޑަ އަވަށަކަށް. އަމިއްލަ ވަންތަކަން އަޅުގަނޑުމެން އަތުން ނިގުޅައިގަނެ މުޅި ރާއްޖެ އިންޑިޔާގެ ބާރުގެ ދަށަށް ގޮސް އެމީހުންނަށް އަޅުވެތިވާ ބަޔަކަށް އާހިރުގައި ވެގެންދާނީ. އެއާޕޯޓް ދީފި. ހުރިހާ ބިންތަކެއް ދީފި. އިންޑިޔާ ސަރުކާރަށް އަޅުގަނޑުމެން ނުޖެހޭ ވިކޭކަށް،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ، ބިމާ ބެހޭ ރަނގަޅު އުސޫލެއް ގާއިމްކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގައި ބިމާ ބެހޭ ކަންތައް ކުރަންވާ ގޮތް ވަރަށް ތަފްސީލްކޮށް ބުނެފައި އޮތް އިރު، މިހާރު ހުށަހަޅާފައިވާ ބިމުގެ ބިލަކީ، އެ ގާނޫނުގެ ބާރުތައް ނިގުޅައިގަތުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ އެމްޑީޕީ މީހުން ބޭނުންވާ ގޮތަށް މާލެ އާއި އަތޮޅުތަކުގެ ބިންތައް ހިބަކޮށްދިނުމަށް ހުށަހަޅާފައިވާ ބިލެއް. މި ބިލަކީ މާލޭ ސިޓީކައުންސިލުން ބޭނުންވާ ގޮތަށް ބިންތަކަށް ނެހެދޭތީ އެމީހުންނަށް އެކަންތައް ކުރެވޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ހުށަހަޅާފައިވާ ބިލެއް،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ، އެ ބިލުގެ މަގުސަދުތަކުގެ ތެރޭގައި، ބިމެއް ވިއްކާ އިރު ސަރުކާރަށް މިހާރު ނަގަމުން އަންނަ 15 ޕަސެންޓްގެ ޓެކްސް ނުނަގާނެ ކަމައް ހިމަނާފައި ވަނީ މިހާރު ގިނަ ޓެކްސްތަކެއް ނެގުމަށް ނިންމާފައިވާތީ، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށެވެ. އަދި އިސްލާމިކް ޔުނިވާސިޓީއެއް އުފެއްދުމަށް ފައިސާނެތް ކަމަށް ސަރުކާރުން ބުނާ އިރު، ބިމުގެ ބިލުގައި ލޭންޑް އެންޑް ސާވޭ އޮތޯރިޓިއެއް އުފެއްދުމަށް ކަނޑައަޅާފައި ވަނީ ކޮންބަޔަކަށް ވަޒީފާދޭންތޯ ވެސް ސުވާލު ކުރެއްވި އެވެ. އަދި އެ ބިލަކީ، އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލަތަށް ލިބިފައިވާ ރައްޔިތުންގެ ބާރުތައް ނިގުޅައި ގަތުމަށް ހަދާ ގާނޫނުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.