31 Oct 2017, 11:10
ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރަމުންދާ ދިވެހި ފިލްމް "ބޮސް" މިރޭ ރިލީޒްކުރާނެއެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) ޕްރޮޑިއުސްކޮށް، ކުޅަދާނަ ބަޠަލާ އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކޮށްފައިވާ "ބޮސް"ގެ ޕްރިމިއަރ ޝޯ އޮންނާނީ މިރޭ އޮލިމްޕަހުގައެވެ.
"މާސްޓަރޕީސް"އެއްގެ ގޮތުގައި ނަހޫ ސިފަކުރާ "ބޮސް"އާ ގުޅޭގޮތުން އޭނާ ބުނީ، މިއީ މިހާތަނަށް ކުރެވުނު އެންމެ ފުރިހަމަ އެއް މަސައްކަތްކަމަށެވެ. ބެލުންތެރީން އެންމެ ބޭނުންވާ ފަދަ މޮޅު ފިލްމަކަށް ބޮސް ހެދުމަށް، ވޭތުވެ ދިޔަ ހަތަރު ވަރަކަށް މަސްދުވަހު، ހިންދެމިނުލާ މަސައްކަތް ކުރެވިއްޖެ ކަމަށް އޭނާ ބުންޏެވެ.
"ގިނަ ދުވަސް ދުވަހު ހަމަ 24 ގަޑިއިރުތެރޭން 18 ގަޑިއިރު އުޅެވިފައި ވަނީ، މި ފިލްމުގެ މައްސަކަތުގައި. ކޮންމެ ދުވަހަކު މަސައްކަތް ނިންމާލާފައި ދެރަވެސްވޭ، ލޯބިވާ ދަރިފުޅު ލާލީއަށް ބޭނުންވާ ވަރަށް ވަގުތު ނުދެވޭތީ،" ބޮސްއަށް ހޭދަކުރި ވަގުތަކީ ގުރުބާނީއެއްގެ ގޮތުގައި ސިފަކުރަމުން ނަހޫ ބުންޏެވެ.
"އެންމެ ފަހުން އުންމީދުތައް މިވަނީ ހަގީގަތަކަށް ވެފައި. ބޮސް އެއްކޮށް ބަލާލުމަށް ފަހު، އަހަންނަށް އިހްސާސް ކުރެވިއްޖެ މިވެވުނީ ހަމަ ރަނގަޅު ސެކްރިފައިސްއެއްކަން."
މިރޭ ރިލީޒްކުރުމަށް ތައްޔާރުވަމުންދާ،މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް
ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަޝްހޫރު އެއް ބަތަލާ މަރިޔަމް އައްޒައާއި މި ދާއިރާއަށް އަލަށް ތައާރަފްވާ މުހައްމަދު ޔުނާން ލީޑު ރޯލުން ފެނިގެންދާ "ބޮސް" އަކީ ނަހޫ ލިޔެފައިވާ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ހިމެނޭ ހުރިހާ ލަވަތަކަކީވެސް ހަމަ ސީދާ "ބޮސް"އަށް ތައްޔާރުކޮށްފައި ލަވަތަކެވެ.
ދިވެހި ފިލްމީ އުދަރެހުގައި އަދިވެސް ފަނޑުވުމެއް ނެތް، ކާމިޔާބު ފިލްމުތައް ކަމަށްވާ، ޔޫސުފް، ޒުލޭހާ، އަދި ކަލާޔާ ނުލާ ފަދަ ފިލްމުތަކަށްވުރެވެސް އަސަރު ގަދަ ފިލްމަކަށް "ބޮސް" ވެގެންދާނޭކަމަށް އޭނާ ދިޔައީ ބުނަމުންނެވެ. އެހެންކަމުން ބޮސްއަކީ ނަހުލާގެ އެންމެ ކާމިޔާ ފިލްމުކަމަށްވާ "ޔޫސުފް"ގެ ރެކޯޑް މުގުރާލެވޭނެ ފިލްމަކަށް ވެދާނެތޯ މިއީ ހަމަ ޔަގީނުންވެސް ގިނަ ބަޔަކު މިހާރު ކުރާނޭ ސުވާލެކެވެ.
ޔޫސުފް ޝަފީއު، ނިއުމާ މުޙައްމަދު، ޝީލާ ނަޖީބު އަދި މުހައްމަދު މަނިކު ލީޑު ރޯލުން ފެނިގެން ދިޔަ "ޔޫސުފް" އަކީ، މީގެ ނުވަ އަހަރު ކުރީން، ނަހުލާގެ އަމިއްލަ ވާހަކައަކަށް އޭނާ ޑައިރެކްޓްކުރި އަސަރުގަދަ ލޯބީގެ ވަރަށް ތަފާތު ފިލްމެކެވެ. މަންމަނު މީހެއްގެ ދިރިއުޅުން ދައްކައިދިން އަސަރު ގަދަ މި ފިލްމުގެ ޖުމުލަ 50 ޝޯގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައި ވަނިކޮށް، 45 ވަނަ ޝޯ ދެއްކިތަނާ ފިލްމުގެ ކޮޕީތަކެއް ލީކުވީއެވެ. އަދި އޭރު 575 ސީޓު ހުންނަ އޮލިމްޕަހުގެ ސިނަމާގައި 33 ހައުސްފުލް ޝޯ ދެއްކުމަށް ފަހު، އިތުރަށް އޮލިމްޕަސް ނުލިބުމުން ބާކީ ޝޯތައް ދައްކާފައި ވަނީ، އެތީނާ ސިނަމާ (މިހާރުގެ ޝްވެކް)ގައެވެ.

ދިވެހި ފިލްމު ބޮސްގެ ޕޯސްޓަރެއް. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ، އޮކްޓޫބަރު 31 ވަނަ ދުވަހު -- ސަން ފޮޓޯ: ކްރިސްޓަލްއެންޓަޓެއިންމެންޓް
"ޔޫސުފް" އަކީ، 2009 ވަނަ އަހަރު، ސާކް ފިލްމު ފެސްޓިވަލްގައި، ސަރަހައްދުގެ އެވޯޑް ވިނިން ފިލްމުތަކާ ވާދަކުރި ފިލްމެކެވެ. އެފަހަރު ފިލްމު ފެސްޓިވަލްގެ އިނޮގްރަލް ފިލްމަކީ ވެސް "ޔޫސުފް"އެވެ.
ނަހޫ ބުނީ، "ބޮސް" ނުވަތަ އިނގިރޭސިބަހުން "ކިސް" އަކީ އޭނާ އެންމެ ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ފިލްމުކަމަށެވެ. އަދި އިތުބާރު ހިފޭ ޑައިރެކްޓަރަކާއެކު މަސައްކަތް ކުރިނަމަވެސް، ބޮސްގެ ގިނަ މަންޒަރު ތަކަކީ، ޑައިރެކްޓަރު ރިޝްމީއާއެކު ނަހޫ ހުރެގެން ނަގާފައިވާ މަންޒަރުތަކަށް ހަދާފައި ވުމީ، މި ފިލްމަކީ، ނަހުލާ އޭނާގެ އެހެން ފިލްމުތަކަށްވެސް މޮޅު ވަރު ފިލްމަކަށް "ބޮސް" ހަދަން ކުރި ބުރަ މަސައްކަތްކަން ޔަގީނެވެ. އެހެންކަމުން މި ފިލްމުގައި "ނަހޫގެ ޓަޗް" ކިތަންމެހާވެސް ރަނގަޅަކަށް ހުންނާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މީގެ އިތުރުން ނަހުލާ ވަނީ، ޑައިރެކްޓަރު ރިޝްމީގެ މަސައްކަތަށް ވެސް އިންތިހާއަށް ތައުރީފުކޮށްފައެވެ.
ނަހޫ ބުނެފައި ވަނީ، އޭނާގެ އެއްވެސް ފިލްމަކުން އަސަރު ނުކުރާ ވަރަށް "ބޮސް" ބަލާފައި އޭނާއަށް އަސަރު ކުރި ކަމަށެވެ.
"ޒުލޭހާއަކީ އަޅުގަނޑުގެ އަމިއްލަ ދަރިފުޅު އުޅޭ ފިލްމެއް. އެންމެ ގިނަ ބަޔަކަށް އަސަރުކުރި އެއް ފިލްމު. އެކަމަކު ޒުލޭހާއަށް ވުރެވެސް ބޮސް އަސަރު ގަދަ،" ނަހޫ ބުންޏެވެ.

ދިވެހި ފިލްމު ބޮސްގެ ޕްރޮޑަކްޝަން ޓީމް -- ފޮޓޯ: ފޭސްބުކް
ފިލްމެއް ރިލީޒްކުރުމުގެ ކުރީން، އެ ފިލްމަކާ ދޭތެރޭ ދުވަހަކުވެސް ނުލިބޭވަރުގެ ބޮޑު ޔަގީންކަމެއް "ބޮސް" ކާމިޔާބު ފިލްމަކަށް ވާނޭކަމާމެދު ލިބިފައިވާ ކަމަށް ނަހޫ ވަނީ ބުނެފައެވެ. އަދި ފިލްމުގެ ތަރީންގެ ފަރާތުން ދައްކާފައިވާ މޮޅު ހުނަރަށް، ފިލްމު ރިލީޒްކުރުމުގެ ކުރީން އޭނާ ވަނީ "ސެލިއުޓް" ކުރާކަމަށް ބުނެފައެވެ.
"މިއީ އެ ފިލްމަކާ މެދު ފަހުރުވެރި ކުރުވާނޭ ފިލްމެއްކަން ޔަގީން! ފިލްމުގެ އެކްޓަރުން ކަމަށްވާ،މަރިޔަމް އައްޒަ،ފާތިމަތު އާޒިފާ،އިބްރާހިމް ޖިހާދު،މުހައްމަދު ޔުނާން،އަލީ އާޒިމްއަދިއަލީ ޝަމީލްގެމޮޅު އެކްޓިންއަށް އަހަރެން ހަމަ ސެލިއުޓްކުރަން،" ނަހޫ ބުންޏެވެ.
ދިވެހި ފިލްމް އިންޑަސްޓްރީގައި އާ ރެކޯޑްތަކެއް ގާއިމުކުރުމުގެ ޔަގީންކަމާއެކު ބެލުންތެރީންނާ ހަމައަށް ނަހޫ މިރޭ ދޫކޮށްލާ އޭނާގެ "ބޮސް" އަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އަލްޓްރާ ހައި ޑެފިނިޝަން، "5K" ކޮލިޓީގައި ތައްޔާރުކޮށްފައިވާ ފިލްމުކަން ފާހަގަކޮށްލަން ޖެހެއެވެ.