31 Oct 2017, 10:49
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި ބ. ތުޅާދޫގެ ފެށުން ރަނގަޅު ކޮށްފި އެވެ.
މާފަންނު ވެލިދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ޒޯން ދޭއްގައި ތުޅާދޫ ވާދަކުރާ އިރު، ތިމަރަފުށި ވާދަކުރަނީ ޒޯން ފަހެއްގަ އެވެ.
އެ މުބާރާތުގެ ޒޯން ދޭއްގައި ތުޅާދޫ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ނ. ކެނދިކުޅުދޫ އަތުން 5-1 ލަނޑުގެ ނަތީޖާ އަކުން މޮޅުވެފަ އެވެ. އެ މެޗުގައި ތުޅާދޫގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އީމާން އިލްޔާސް އާއި އަހްމަދު ޝާން އާއި އަފާފް އާއި އިސްމާއީލް ދާއޫދު އަދި މުހައްމަދު ތަސްނީމެވެ. ކެނދިކުޅުދޫގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އިބްރާހިމް ތަބްސީނެވެ.
ޒޯން ފަހެއްގައި ތިމަރަފުށި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ދ. މާއެނބޫދޫ އަތުން 9-2 ލަނޑުގެ ނަތީޖާ އަކުން މޮޅުވެފަ އެވެ. އެ މެޗުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހަމްދާނާއި އަލީ ޝިފާއު އަދި ޒިޔާން، މިއިން ކޮންމެ ކުޅުންތެރިޔަކު ތިމަރަފުށްޓަށް ދެ ލަނޑު ކާމިޔާބު ކޮށްދިނެވެ. އޭގެ އިތުރުން އަސްވަދާއި އާދަމް ނާސިހު އަދި ސަމާހު ވެސް އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނެވެ. މާއެނބޫދޫގެ ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ އަލީ ޝާމިއު އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ޒޯން އަށެއްގައި މާފަންނާއި މައްޗަންގޮޅި ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޒޯން އަށެއްގައި ހެންވޭރު އަތުން 3-2 ލަނޑުގެ ނަތީޖާ އަކުން ގަލޮޅު މޮޅުވެފައިވާ އިރު، ޒޯން ހައެއްގައި ލ. ގަމާއި ގދ. ތިނަދޫ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އަދި ޒޯން އެކެއްގައި ހއ. ވަށަފަރާއި ށ. ބިލެއްފަހި ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.
އެ މުބާރާތުގެ ޒޯން ބުރުގައި ވާދަކުރަނީ އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދި ޓީމުތަކެވެ. ފައިނަލް ބުރުގެ ޖާގަތައް ލިބޭނީ ޒޯން ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް މަގާމު ހޯދާ ޓީމުތަކަށެވެ. ފައިނަލް ބުރުގައި ވާދަކުރާނީ ޖުމްލަ 16 ޓީމެކެވެ.
މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތުގައި 50 ޓީމެއް ވާދަކުރެ އެވެ.