03 Aug 2011, 11:53
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބުދުލްގައްޔޫމާއި އެމަނިކުފާނުގެ ކޮށްކޯފުޅު އަބުދުﷲ ޔާމީނާ ގުޅިގެން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކަމަށް ބުނާ މައްސަލަ ތަހްގީގު ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ޑީއާރުޕީގެ ޒެޑްފެކްޝަނަށް ނިސްބަތްވާ ގިނަ މެންބަރުންތަކަކާއި ޕީއޭގެ ގިނަ މެންބަރުންތަކެއް ވޯޓުދެއްވައިފި އެވެ.
އިއްޔެގެ ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވި 52 މެންބަރުންގެ ތެރޭގައި، ޑީއާރުޕީގެ ޒެޑް ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދާއި އިނގުރައިދޫ ދާއިރާގެ ހަމްދޫން އަބުދުﷲ ހަމީދާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ފެލިދޫ ދާއިރާގެ ޔޫސުފް ނައީމާއި އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން އެ މައްސަލަ އެންމެބޮޑަށް ރައްދުވާ، މުލަކު ދާއިރާގެ އަބުދުﷲ ޔާމީންގެ އަމިއްލަފުޅު ޕާޓީ، ޕީއޭގެ ގިނަ މެންބަރުންތަކެއް ވެސް ގަރާރު ބަލައިގަތުމަށް ވަނީ ވޯޓު ދެއްވައިފަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް އާއި ކިނބިދޫ ދާއިރާގެ މޫސާ ޒަމީރުގެ އިތުރުން މާވަށު ދާއިރާގެ އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރުމެން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވި އަމިއްލަ މެންބަރުންގެ ތެރޭގައި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ކުޑަހުވަދޫ ދާއިރާގެ އަހްމަދު އާމިރު ހިމެނިވަޑައިގަންނަވަ އެވެ. ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއަށް ނިސްބަތްވާ ފެކްޝަނުގެ ގިނަ މެންބަރުން އެ ގަރާރު ބޭރު ކުރުމަށް ވޯޓު ދެއްވި ނަމަވެސް މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް ފަދަ މެންބަރުން ވޯޓު ދެއްވާފައި ވަނީ ގަރާރު ބަލައިގަތުމަށެވެ.
އެ ގަރާރު މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށް ވޯޓު ދެއްވި 11 މެންބަރުންގެ ތެރޭގައި ޑީއާރުޕީ އާއި އަމިއްލަ މެންބަރެއްގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.
ގަރާރު ބަލައިގަތުމަށް ވޯޓު ނުދެއްވި މެންބަރުންގެ ތެރޭގައި ޑީއާރުޕީގެ ލީޑަރު އަދި ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަހްމަދު ތަސްމީން އަލީ އާއި، އަލިފުށީ ދާއިރާގެ މުހައްމަދު ނާޝިޒް، އާއި މަޑުއްވަރީ ދާއިރާގެ ވިސާމް އަލީ، ފުނަދޫ ދާއިރާގެ އަލީ ސަލީމް އާއި ކެލާ ދާއިރާގެ އަބްދުﷲ މައުސޫމް އާއި މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދާއި ނައިފަރު ދާއިރާގެ އަހްމަދު މުހައްމަދުގެ އިތުރުން ޒެޑްފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސެއިން މަނިކާއި، އަމިއްލަ މެންބަރެއް ކަމަށްވާ، އޭދަފުށީ ދާއިރާގެ އަހްމަދު ސަލީމް އާއި ވެލިދޫ ދާއިރާގެ އަލީ މުހައްމަދު ހިމެނިވަޑއިގަންނަވަ އެވެ.
އެ ގަރާރަކީ މަޖިލީހަށް ހުށަހެޅޭނެ ގަރާރެއްނޫން ކަމަށާއި އެ ގަރާރަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއްކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި، މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމާއި، ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވަކި ގޮތަކަށް ވޯޓު ދެއްވާފައެއްނުވެ އެވެ.