މެޑްރިޑް (އޮކްޓޯބަރު 31): ކެތަލޯނިއާގެ ރައީސް ކަމުން ދުރުކޮށްފައިވާ ކާލްސް ޕުޖިޑެމޮން ބެލްޖިއަމްއަށް ވަޑައިގެންފި ކަމަށް އޭނާގެ ވަކީލަކު ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ ވަކީލެއް ކަމަށްވާ ޕޯލް ބިކާޓް ވިދާޅުވި ގޮތުގައި ޕުޖިޑެމޮން މިހާރު ހުންނެވީ ބްރަސެލްސްގަ އެވެ. ނަމަވެސް އޭނާ އެގައުމަށް ވަޑައިގެންނެވީ ސިޔާސީ ހިމާޔަތް ހޯއްދެވުމަށްތޯ ނޫސްވެރިން ކުރި ސުވާލަށް ވަކީލު ޖަވާބު ނުދެއްވަ އެވެ.

ސުޕެއިންގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޕުޖިޑެމޮން ބެލްޖިއަމްއަށް ވަޑައިގެންނެވީ އެ ގައުމުގެ ސިޔާސީ އިސް ފަރާތްތަކާ ބައްދަލުކުރެއްވުމަށް، ކެތަލޯނިއާގެ ކުރީގެ ފަސް މިނިސްޓަރުންނާ އެއްކޮށެވެ.

ޕުޖިޑެމޮން ސްޕެއިން ދޫކުރައްވާ ވަޑައިގެންނެވީ އޭނާ އާއި ކެތަލޯނިއާގެ އެހެން ލީޑަރުންގެ މައްޗަށް ބަޣާވާތުގެ ދައުވާ ކުރުމަށް އެގައުމުގެ އެޓާނީ ޖެނެރަލް ހޯސޭ މެނުއެލް މާޒާ ގޮވާލެއްވި ފަހުންނެވެ. ބަޣާވާތުގެ ދައުވާ ސާބިތުވެއްޖެ ނަމަ ޕުޖިޑެމޮން 30 އަހަރަށް ޖަލަށް ލެވޭނެ އެވެ.

ސްޕެއިންއިން ވަކިވެ މިނިވަން ދައުލަތެއް ބިނާ ކުރުމާ ބެހޭ ގޮތުން ކެތަލޯނިއާގައި މި މަހުގެ އެއް ވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓަށް ފަހު މިދިޔަ ހަފްތާގައި އެސްޓޭޓުން ވަނީ މިނިވަންކަން އިއުލާންކޮށްފަ އެވެ. އޭގެ ސަބަބުން ސްޕެއިން ސަރުކާރުން ވަނީ އެސްޓޭޓުގެ މައްޗަށް ސީދާ ވެރިކަން ހިންގަން ނިންމައި، ކެތަލޯނިއާގެ ސަރުކާރު ބަދަލުކުރުމަށް އާ އިންތިހާބެއް ބޭއްވުމަށް ނިންމައިފަ އެވެ. (ބީބީސީ)