އާރް ބަލްކީ ޑައިރެކްޓްކޮށް އޭނާގެ އަންހެނުން ގޯރީ ޝިންދޭ ޕްރޮޑިއުސްކޮށް އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމް 'ޕެޑްމޭން' ރިލީޒް ކުރާނެ ތާރީހެއް ވަނީ ދާދި ފަހުން ކަނޑައަޅައިފައެވެ.

އަންނަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު އެ ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވާއިރު އަކްޝޭ އާއި ތަމަޅަ ސުޕަސްޓާރު ރަޖްނީކާންތް ލީޑްރޯލުން ފެނިގެންދާ "2.0" ޖެނުއަރީ 25 ވަނަ ދުވަހު ރިލީޒްކުރާނެ ކަން ވަނީ މާ ކުރިން އިއުލާންކޮށްފައެވެ.

އަކްޝޭގެ ދެ ފިލްމެއް ޖެހިޖެހިގެން ދެއްކުމަށް ހަމަޖެހިފައިވާއިރު ޖަނަވަރީ މަހުގައި ބޮކްސް އޮފީހުގައި ވެސް ކުރިމަތިލާންޖެހޭނީ އަކްޝޭގެ ފިލްމުތަކެވެ.

'ޕެޑްމޭން' ފިލްމުން 'ރިއަލް ސުޕަރ ހީރޯ' އަކީ ކޮބައިކަން އެ ފިލްމުން ދައްކުވައިދޭ އިރު ފިލްމުގައި ހަރަކާތްތެރިވާނެ ލީޑު ތަރިންނަކީ އަކްޝޭ ކުމާރު، ސޯނަމް ކަޕޫރު އަދި ރާދިކާ އަޕްޓޭ އެވެ.

އެ ފިލްމުގައި އަކްޝޭ އަދާ ކުރަން ހަމަޖެހިފައިވަނީ ނުބައި މީހެއްގެ ރޯލެކެވެ. ދެހާސް ދިހަ ވަނަ އަހަރު ނިކުތް "ރޮބޮޓް"ގެ ދެވަނަ ބައިގެ ގޮތުގައު އުފައްދާ ފިލްމު "2.0"ގެ ބަޖެޓު 400 ކްރޯޑަށް ވުރެ މައްޗަށް އަރައެވެ.