31 Oct 2017, 08:30
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ ހަޔާތުގެ ވާހަކަތައް ހިމަނައިގެން ލިޔެފައިވާ އޮޓޯބަޔޯގްރަފީ، 'އޭން އެކްސްޓްރާ އޯޑިނަރީ ލައިފް' އަނބުރާ ގެންގޮސްފިއެވެ.
ނަވާޒުގެ ފޮތް އަނބުރާ ގެންދިޔައީ އެ ފޮތުގައި ހަގީގަތް ކަމަށް ބުނެ ލިޔެފައި ވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ދަނިކޮށެވެ.
އެގޮތުން ނަވާޒުގެ ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ ނިހާރިކާ ސިންގ އަދި ސުނީތާ ރާޖްވަރް ވެސް ވަނީ އެ ފޮތުގައި އެ ދެމީހުންގެ ވާހަކަތައް ގެނެސްދީފައި ވަނީ ކަން ހިނގައި ދިޔަ ގޮތާ މުޅިން ޚިލާފުކޮށް ކަމަށް ބުނެފައެވެ.
ފޮތް އަނބުރާ ގެންގޮސްފައިވާ ކަން ހާމަކޮށް ނަވާޒް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފޮތުގައި ލިޔެފައިވާ ވާހަކަތަކަށް މައާފަށް އެދޭ ކަމަށާއި، ފޮތް ރިލީޒް ނުކުރެވުނު ނަމައޭ ހިތަށް އަރާކަމަށެވެ.
ނަވާޒުގެ ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރު ނިހާރިކާ ވަނީ ނަވާޒު އާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ވެސް ނިންމައިފައެވެ. ފޮތުގައި ވަނީ ދޮގު ވާހަކަތަކެއް ކަމަށް ފުރަތަމަ ބުނީ ވެސް ނިހާރިކާއެވެ. އޭގެ ފަހުން ނަވާޒުގެ އެންމެ ފުރަތަމަ ލޯބިވެރިޔާ ވެސް ވަނީ ނަވާޒު އާ ދެކޮޅަށް ވާހަކަ ދައްކައިފައެވެ.
ނިހާރިކާ ބުނީ ދެމީހުންގެ ގުޅުމުގެ ސިއްރުތައް އޭނާގެ އެއްވެސް ހުއްދައެއް ނެތި ނަވާޒަށް ފޮތެއްގައި ލިޔެ ނުވިއްކޭނެ ކަމަށެވެ. އަދި ސުނީތާ ބުނީ ނަވާޒު ދޫކޮށްލީ، ނަވާޒު ފަގީރުވުމުން ނޫން ކަމަށާއި ނަވާޒުގެ ފީކަޅާ ވިސްނުމުގެ ސަބަބުން ކަމަށެވެ.