31 Oct 2017, 08:28
އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާތު ކޯލީ ލައްވައި ފިލްމެއް ކުޅުވަން ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ޚަބަރުތައް ބުނާގޮތުން ވިރާތު ލައްވައި ފިލްމެއް ކުޅުވަން ކަރަން ބޭނުން ވެގެން އުޅެނީ ބަތަލާ އަނުޝްކާ ޝަރްމާ އާއި އެއްކޮށް ވިރާތު ކުޅުނު އިޝްތިހާރަށް ފަހު އެވެ.
އިޝްތިހާރު ބެލުމަށް ފަހު ވެސް ކަރަން ވަނީ ވިރާތުގެ އެކްޓިންއަށް ތައުރީފުކޮށް ޓުވީޓެއް ކޮށްފައެވެ.
"ވިރާތު ކޯލީ އަކީ ވަރަށް ކުޅަދާނަ އެކްޓަރެއް،" ކަރަން ބުނެފައިވެ އެވެ.
އަދި މިހާރު އޭނާގެ ފިލްމަކަށް ވިރާތު އެއްބަސްކުރުވަން ކަރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕިންކްވިލާ ނޫހުން އިން ރިޕޯޓު ކުރެ އެވެ.
ވިރާތު ފިލްމަކުން ފެނުން އެކަށީގެންވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިރު މިހާރު އެންމެ ބާރަށް ދެކެވެމުން އަންނަނީ ވިރާތު އާއި އަނުޝްކާގެ ކައިވެނީގެ ވާހަކައެވެ.
ދެމީހުން އަންނަ ޑިސެމްބަރުގައި ކައިވެނި ކުރަން އުޅޭކަމަށް ޚަބަރުތައް ބުނި ނަމަވެސް، ދެމީހުން ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.