އާސެނަލްއާއި އެމެރިކާގެ ނިއުޔޯކް ރެޑްބުލްސް އެމިރޭޓްސް ކަޕްގައި ބައްދަލުކުރި މެޗްގައި އާސެނަލްގެ މިޑްފީލްޑަރު ޖެކް ވިލްޝެޔާއަށް ލިބުނު އަނިޔާ އެހާ ސީރިޔަސް ނޫންކަމަށާއި ކުޑަ ދުވަސްކޮޅެއްތެރޭ ކުޅުމަށް އެނބުރި އާދެވޭނެކެމަށް އޭނާ ބުނެފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ނިއުޔޯކް ރެޑްބުލްސްއާއި ދެކޮޅަށް ކުޅުނު މެޗުން ލިބުނު އަނިޔާ އާއި ގުޅިގެން އެ އަނިޔާގެ ސީރިޔަސްކަން ބެލުމަށް ވިލްޝެޔާވަނީ ފައިގެ ސްކޭނެއް ހަދާފަ އެވެ.

"ސްކޭނުން ދެއްކިގޮތުން މާބޮޑު އަނިޔާއެއްނެތް. ކުޑަދުވަސްކޮޅެއްތެރޭ ކުޅުމަށް އެނބުރި އާދެވޭނެ،" ވިލްޝެޔާގެ ޓްވިޓާ އެކައުންޓްގައި ލިޔެފައި ވެއެވެ.

އިނގިރޭސިވިލާތާއި ނެދަލެންޑްސް އަންނަ ހަފްތާގައި ބައްދަލުކުރާ އެކުވެރިކަމުގެ މެޗްގައި ވިލްޝެޔާއަށް ބައިވެރިވެވޭނެކަމާއިމެދުވަނީ ސުވާލު އުފެދިފަ އެވެ. އަނިޔާއާއި ގުޅިގެން އިނިގިރޭސިވިލާތާއި ނެދަލެންޑްސް ކުޅޭ މެޗަށް ވިލްޝެޔާ ނުފޮނުވާނެ ކަމުގެ އިސާރާތެއް އާސެނަލްގެ ކޯޗް ވެންގާ ވެސް ވަނީ ދީފައެވެ.