30 Oct 2017, 23:39
މ. މުލީގައި ފުޓު ބޯޅަ ކުޅެ ނިންމާލުމަށްފަހު ހޮޑުލެވި މެއަށް ތަދެއް އެރުމުން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ޒުވާނަކު މަރުވެއްޖެ އެވެ.
މުލީ ހޮސްޕިޓަލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިއަދު އިރުއޮއްސި 6:50 ހާއިރު އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވީ އެެ ރަށު މާވިނަ ނަސީހު ހަސަން ކަމަށެވެ. އޭނާގެ އުމުރަކީ 27 އަހަރެވެ.
މ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެނައިއިރު ވެސް އެ ޒުވާނާއަށް ރަނގަޅަށް ވާހަކަ ދެކެވޭ ކަމަށެވެ. އޭނާ މަރުވީ އޮބްޒަވޭޝަންގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި ހޮސްޕިޓަލަށް ގެނައިރު ލޭގެ ޕްރެޝަރު ވަރަށް މަތި ކަމަށް ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވިއެވެ.
"ޑޮކްޓަރު ސުވާލުކުރުމުން ނަސީހު ބުނީ މިއަދު ތިން ސިނގިރެޓް ފޮށި ހުސްކުރީމޭ. ތަކުރާރުކޮށް ތިން ފަހަރު ޑޮކްޓަރު ސުވާލު ކުރުމުން ވެސް ބުނީ ހަމަ އެހެން،" އޮފިޝަލް ވިދާޅުވި އެވެ.
ނަސީހުގެ މަރާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ވެސް ވަނީ އޭނާގެ މަރާގުޅޭ ބައެއް މައުލޫމާތު "ސަން"އަށް ކިޔައިދީފަ އެވެ.
އެ މީހާ ބުނި ގޮތުގައި ފެނަކައިގެ ވަޒީފާގައި އުޅޭ ނަސީހު ރޭ ދަންވަރުގެ ޑިއުޓީ ނިންމާލުމަށްފަހު އުޅުނީ ނުނިދައެވެ. އަދި އޭނާ މިއަދު އުޅުނީ އެއްވެސް އެއްޗެއް ނުކައި ކަމަށާއި ހަމައެކަނި ބުއީ ސިނގިރެޓާއި ކޮފީ ކަމަށް ކަމަށް އެ މީހާ ކިޔައިދިނެވެ.
އެ ރަށުގައި ބާއްވާ ފުޓުސަލް މުބާރާތަކަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރު އެ ރަށުގައި ކުޅުނު ފުޓުބޯޅަ މެޗް ނިމުނުތަނާ ނަސީހަށް ހޮޑު ލެވުނު ކަމަށް އޭނާ ކިޔައިދިނެވެ.
"ކުޅެ ނިންމާފަ ދެފަހަރު ނަސީހު ހޮޑުލި. ދެން ރައްޓެހިންނާ އެކު އޭނާ ދިޔައީ މޫދަށް. މޫދަށް އެރި އުޅެނިކޮށް މެއަށް ދަތެއް އަރައި އަތެއް ވެސް އައްސިވި. ދެން ވަގުތުން ސައިކަލެއްގައި ހޮސްޕިޓަލަށް ގެންދިޔައީ،" އެ މީހާ ކިޔައިދިނެވެ.
ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އޮބްޒަވޭޝަންގައި ފަރުވާދިންއިރު ލޭގެ ޕްރެޝަރު މައްޗަށް ދިޔުން ފިޔަވައި އިތުރު އެއްވެސް މައްސަލައެއް އޭނާގެ ނެތްކަން ޓެސްޓުތަކުން އެނގޭ ކަމަށެވެ.
"ފަރުވާދެމުން ދަނިކޮށް ހަމަ ކުއްލި ގޮތަކަށް އޭނާ މަރުވީ. ބުނެވޭނީ ހާޓް އެޓޭކެއް ޖެހިގެންނޭ،" ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވިއެވެ.