30 Oct 2017, 23:07
ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަހުގެ ހަމަލާތައް ރައްދު ކުރައްވައިފި އެވެ.
"ފިޔާތޮށި ޖަގަހަ"ގެ ނަމުގައި މާފަންނުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން މަސައްކަތް ކުރި ކަމަށާއި ބަދަލަކަށް އެދި ނަޝީދު ވެރިކަމަށް ގެނައުމުން ގައުމަށް ލިބުނީ "ނިކަމެތިކަން" ކަމަށެވެ.
ރައީސް ވިދާޅުވީ އިސްލާމްދީން ހިމާޔަތް ކުރުމަށް ނަޝީދަށް ވޯޓް ދިނުމަށް ގޮވައިލި މޫސުން ހަނދާނަށް ކުރަންޖެހޭ ކަމަށާއި ރައީސް ނަޝީދު ވެރިކަމަށް އިންތިހާބުވުމުން ކަންތައްވީ ގޮތް ވެސް ހަނދާން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ނަޝީދުގެ ވެރިކަމުގައި އިސްލާމް ދީނަށް ކުރާ ފުރައްސާރަ އާއި އެހެން ދީންތަކަށް ފުރުސަތު ދޭން ގޮވާލި ތަން ފެނުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ފިޔާތޮށި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ބައިނަލް އަގުވާމީ ގުޅުންތައް، އަރަބި އިސްލާމީ ގައުމުތަކާ ގުޅުންތައް މުޅިން ކެނޑިގެން ދިޔައީ. އަޅުގަނޑުމެންނަކީ ކުރާ ކޮންމެ ކަމެއްގައި ބާރުގަދަ ބައެއް. އަވައްޓެރި ގައުމުތަކުގެ ބަސް ހޯދައިގެން ނޫނީ ކަން ނުކުރެވޭ ބަޔަކަށް ވެގެން ދިޔައީ [ނަޝީދުގެ ވެރިކަމުގައި]،" ރައީސް ވިދާޅުވިއެވެ.
އިސްލާމްދީން ހިމާޔަތް ކުރުމަށް އިލްމުވެރިން ކުރީގައި ތިބެގެން ނަޝީދު ވެރިކަމަށް ގެނައުމަށްފަހު، އޭމަނިކުފާނު ވެރިކަން ދޫކޮށްލެއްވި ދުވަހު މުލިއާގެއިން ނެރެންޖެހުނީ " ފޮށި ތަންމަތި" ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިޝާރާތް ކުރެއްވީ ފެބްރުއަރީ 7، 2012، ވަނަ ދުވަހު ނަޝީދު ދިރިއުޅުއްވި މުލިއާގެއިން ނެރުނު ރާފުުޅިތަކުގެ މައްސަލައަށެވެ.

ފިޔާތޮށި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަޝިދު ވެރިކަމަށް ގެންނަން މަސައްކަތް ކުރި ދީނީ އިލްމުވެރިންނަށް ފާޑުވިދާޅުވުމަށްފަހު، އެމަނިކުފާނު ވަނީ އިލްމުވެރިންނަށް ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ.
"އަނެއްކާވެސް ގެންނަންވީ ކޮންކަހަލަ ބަދަލެއްތޯ؟" އާއި "ހިންގަންވީ ކޮން މަގަކުންތޯ؟" އޭ ވިދާޅުވެ އިލްމުވެރިންނަށް ރައީސް ވަނީ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ.
އިލްމުވެރިން އޭރު މަސައްކަތް ކުރެއްވީ ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ތުހުމަތު ކުރައްވައި ރައީސް ވިދާޅުވީ އިލްމުވެރިން އޭރު މަސައްކަތް ކުރެއްވީ އެބޭފުޅުން ކިޔަވާ ވިދާޅުވެގެން ތިއްބެވި އެއްޗަކާ ދިމާ އިދިކޮޅަށް ކަމަށެވެ.
"އެންމެ ބޮޑެތި ޖާހިލުންނަކީ އެއީ. ކަނޑައެޅިގެން އެނގިތިބެ މީހުން މަގު ފުރައްދާ މީހުން ވާވައްދަން ފަތުވާ ދިނުމަކީ އެންމެ ބޮޑު ޖާހިލު އަމަލު،" ކަމަށް ރައީސް ވިދާޅުވި އެވެ.

ފިޔާތޮށި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސިޔާސީ ބޭނުމެއް ފުއްދުމަށް ކޮންމެ ލެވެލްއަކަށް ވެސް ދިވެހިން ހިނގައިދާނެކަން އިލްމުވެރިންގެ އަމަލު ވެސް ދޭހަވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ދިވެހި ޒުވާނުން ކޮންމެ މަގަކުން ދިޔައަސް އެކަމާ ހައިރާންވާންވީ ސަބަބެއް ނެތް ކަމަށެވެ.
"އިސްލާމް ދީނަށް ކުޑައިމީސް ވާކަމެއް، އިސްލާމް ދީނުގެ ކަރަމާތާއި ގަދަރަށް އުނިކަމެއް އަންނަ ކަމެއް އިސްލާމް ދީން ނިކަމެތިވާނެ އެއްވެސް ކަމެއް ކުރަން ވަކާލާތު ކުރާ ނޫނީ އެވަރުގެ ހިޔާލެއް ގެންގުޅޭ މީހަކަށް ވިޔަސް އެފަދަ މީހަކަށް ވެރިކަމުގެ ޖާގަ ދިވެހި ފަސްގަނޑުން ލިބިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.