30 Oct 2017, 22:15
"ފިޔާތޮށި ޖަގަހަ"އިގެ ނަމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މާފަންނުގައި ކެމްޕެއިން ޖަގަހައެއް ހުޅުވައިފި އެވެ.
މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ފިޔާތޮށި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޝީ ބިލްޑިން ކައިރީ ހުޅުވި އެ ޖަގަހަ ހުރި ތަނަކީ ރައީސް ޔާމީންގެ ކެމްޕެނަށް ހަރަދު ކުރައްވާ ރައީސް އަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅަކު ކުއްޔަށް ނަގާފައި ހުރި ތަނެއް ކަމަށާއި އެ ޖަގަހަ ހުޅުވުމަށް އެތަން ޕީޕީއެމް އަށް ދިނީ ހިލޭ ކަމަށް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕީޕީއެމްގެ ޖަގަހަތައް ހުޅުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށް ޕީޕީއެމް އިން ބުނެ އެވެ. މިރޭގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ޕީޕީއެމް އަށް ސޮއިކޮށްފަ އެވެ.
ޕީޕީއެމްގެ ފިޔާތޮށި ޖަގަހައިގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީޕީއެމް އިން ބުނެ އެވެ.