ހައުސިންގް މިނިސްޓްރީގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ވެރިކަން ކުރާ ޕީޕީއެމަށް ސޮއިކޮށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މެމްބާޝިޕް ފޯމު ހަވާލުކޮށްފި އެވެ.

މާފަންނުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމާ ގުޅުނު މުވައްޒަފުންގެ ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީނެވެ.

"ފިޔާތޮށި ޖަގަހަ"ގެ ނަމުގައި މާފަންނުގައި ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ޕީޕީއެމަށް ސޮއި ކުރުމަކީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ޓަކައި ޕީޕީއެމުން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.

ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ ފޯމް ރައީސް ޔާމީންއާ ހަވާލުކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފަންނުގައި ކެމްޕެއިންގެ ކަންތައް ކުރިއަށް ގެންދިއުމަށް ހުޅުވި ފިޔާތޮށި ޖަގަހައިގެ ކަންތައްތައް ބެލުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ޑރ. މުއިއްޒެވެ.

މި ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ އިންތިހާބުގައި މާފަންނުން ރައީސް ޔާމީނަށް ފުރިހަމަ ކާމިޔާބީއެއް ހޯދާނެ ކަމަށެވެ. ސަރުކާރުން މާފަންނަށް ގެންނަމުން އަންނަ ތަރައްގީ ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އިތުރު ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ކުރަން ޖެހޭނެ ކަމަށެވެ.

"ހަމައެކަނި މާފަންނަށް ބެލި ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލާއި ރަސްފަންނު އަދި އެތައް ގިނަ ޕާކުތައް ވެސް މާފަންނުގައި ވަނީ ހުޅުވިފައި. ފެންބޮޑުވާ މަގުތަކުގައި ފެން ހިންދުމުގެ ނިޒާމު ވަނީ ގާއިމް ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.