އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް މިނިވަން މާހައުލެއް ގާއިމް ކޮށްދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ޕާލިމެންޓްރީ ގްރޫޕްގެ ވަފްދުން ރައީސް އަބްދުﷲ ޔާމީންގެ އަރިހުން މިއަދު އެދިއްޖެ އެވެ.

ރާއްޖޭގެ ހާލަތު ބެލުމަށް އީޔޫ ޕާލިމެންޓްރީ ގުރޫޕުގެ ވަފްދުން މިއަދު ރައީސް ޔާމީނާ ބައްދަލުކޮށްފައިވާއިރު އަންނަ އަހަރުގެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކާ އެފަދަ މާހައުލެއް ގާއިމް ކޮށްދިނުމަށް އެ ވަފްދުން ވަނީ ރައީސް އަރިހު އެދިވަޑައިގެންފަ އެވެ.

އީޔޫގެ ވަފްދުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި މީޑީއާގެ މިނިވަންކަމާއި މުޖުތަމައުގެ ތެރޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު ވަރަށް ހަނި ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންތައް ދެނެގަނެވިފައިވާ ކަމަށާއި އެކަންތަކާ މެދު އީޔޫގެ ވަފްދުން ދެކޭ ގޮތް ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރެވުނު ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކަންބޮޑުވުންތައް ރައީސާ ހިއްސާ ކުރި ކަމަށް ބަޔާނުގައިވެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލު އެ ވަފްދުގެ ބަޔާނުގައި ހާމައެއް ނުކުރެއެވެ.

އީޔޫގެ ވަފްދުން ވަނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލާއި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިސާމް އަދި އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފަ އެވެ.

އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާ ހިލާފު އަމަލުތައް ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނެ ރާއްޖޭގެ އިސްވެރިންގެ މައްޗަށް ފިޔަވަޅު އަޅައި، ޓޫރިސްޓުން ރާއްޖެ އައުމުން ދުރުހެލިވުމަށް ގޮވާލައި އީޔޫގެ ޕާލިމަންޓުން މިދިޔަ މަހު ވަނީ ގަރާރެއްވެސް ފާސްކޮށްފައެވެ.