30 Oct 2017, 19:44
ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ފިލައިގެން އުޅެނިކޮށް ފުލުހުން އަތުލައިގަތް މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ އަމުރު ކުރީ ޝަރީއަތް ނިމެންދެން ރިމާންޑު ޖަލެއްގައި އަފްރާހު ބެހެއްޓުމަށެވެ. އޭނާގެ މައްޗަށް ދާދިފަހުން ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ.
ފުލުހުން އޭނާ ހޯދާފައި ވަނީ ޖަލާލުއްދީން މިސްކިތްކައިރީ ހުންނަ މއ. ނެވަކޯން ގޭގައި ފިލައި އުޅެނިކޮށް، މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ފިލައިގެން އޭނާ އުޅުނީ ސިފަ ބަދަލުކޮށްގެންނެވެ.

މ. ލޮނުމިދިލިގޭ އަފްރާހް ޢަބްދުއްރައްޒާގު ހައްޔަރުކުރުމުގެ ކުރިން ހުރިގޮތް
މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސްއަށް ވަޅިން ހަމާދީ މަރާލި މައްސަލާގައި ފިލައިގެން އުޅުނު އިތުރު މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފިލައިގެން އުޅެނިކޮށް، މިދިޔަ މަހުގެ 27 ވަނަ ދުވަހު ހައްޔަރު ކުރި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
އަނަސްގެ މަރާ ގުޅިގެން އިތުރު ފަސް މީހެއްގެ މައްޗަށް ވެސް ވަނީ
ގަސްތުގައި މަރާލި ކަމުގެ ދައުވާ ލިބޭ މީހުން
އުސްމާން ޝަރީފް، މ. ދިމިޝްގް
- އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ
މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ މީހުން
ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ
- ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވިލާ
- ސިމާހު މޫސާ، ދަފްތަރު 1746
މި މަހުގެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އެ މީހުންގެ ތެރެއިން އުސްމާނާއި ޒަޔާނާއި ޖުނައިހު އާއި ސިމާހު އަށް ގާނޫނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއްދީފަ އެވެ. މިހާތަނަށް ވަކީލަކު ހަމަޖައްސާފައި ވަނީ ދައުވާ ލިބޭ މަހުފޫޒެވެ.