03 Aug 2011, 11:37
ރޯދަ މަހާ ދިމާހުކޮށް ޒުވާނުންނަށް އަމާޒުކޮށްގެން އެސްއެމްއެސް ޗެލެންޖު މުބާރާތެއް ދިރާގުން ހުޅުވާލައިފި އެވެ.
ދިރާގުން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ހިމެނެނީ ރެންޑަމްކޮށް ޖަވާބު ދޭން ޖެހޭ އާންމު މަޢުލޫމާތުގެ ސުވާލުތައް ކަމަށެވެ. އަދި އާއިލާ މެމްބަރުންނާއި ރައްޓިހިން ވެސް ބައިވެރިކޮށްގެން ކުޅެވޭ މި ގޭމްގެ ސުވާލުގައި ދީފައިވާ ތިން ޗޮއިސްގެ ތެރެއިން ޖަވާބު ދެ ފަރާތުން ވެސް ރަނގަޅު ކޮށްފި ނަމަ ދާނީ "ރޮކް ޕެޕާ ސިޒާ" ކިޔާ ގޭމަކަށެވެ.
ދިރާގުން ބުނީ ކޮންމެ ދުވަހަކު ވެސް ދިރާގު ވެބްސައިޓް މެދުވެރިކޮށް މި ގޭމްގެ ބައިވެރިންގެ ސުކޯ ފެންނާނެ ކަމަށެވެ.
ރަނގަޅަށް ކުރާ ސުވާލަކަށް ތިން ޕޮއިންޓް ލިބޭ މި މުބާރަތުގައި ފަސް ފަހަރު ވާދަކޮށްގެން މޮޅުވުމުން ހިލޭ ފަސް އެސްއެމްއެސް ލިބެ އެވެ. އަދި މިކުއިޒުގައި ކޮންމެ ހަފްތާއަކު ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 50 ބައިވެރިންގެ ތެރެއިން ނަގާ ލަކީ ޑުރޯއަކުން ހޮވޭ ފަރާތަކަށް އެޕަލް އައިޕޮޑްއަކާއި ހެޑްސެޓެއްގެ އިތުރުން ސޮނީ އެމްޕީ ތުރީ ޕްލޭޔަރެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
މި މުބާރާތުގެ ޕާޓުނަރުންގެ ތެރޭ ހިމެނެނީ ރީފްސައިޑެވެ. މިމަބުރާތުގައި އެއް ވަނަ އަށްދާ ފަރާތަކަށް ނިކޮން ކެމެރާއެއް ކެމެރާ ކިޓެއް ލިބޭނެ އެވެ. އަދި ދެ ވަނަ އަށްދާ ފަރާތަކަށް ސޮނީ ޕީއެސް ތުރީއެއް ލިބޭނެ އެވެ. އަދި ތިން ވަނަ އަށްދާ ފަރާތަކަށް ބޯސް ސައުންޑް ޑޮކް ސީރީޒް ޓޫއެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.