30 Oct 2017, 19:15
ހަނި ގޮތަކަށް ދ. ކުޑަހުވަދޫ ބަލިކޮށް ގްރީން ސްޓްރީޓްސް އިން އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ހަތަރު ވަނަ މަގާމު ދަމަހައްޓައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެެ މެޗު ގްރީން އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާ އަކުންނެވެ. އެ މޮޅާއެކު އެ ޓީމަށް 11 މެޗުން ވަނީ 16 ޕޮއިންޓް ލިބިފައެވެ. އެ ޓީމާ އެންމެ ކައިރިން ވާދަ ކުރާ ފަސް ވަނާގަ އޮތް ގދ. ތިނަދޫއަށް ލިބިފައި ވަނީ އެއް މެޗު މަދުން ކުޅެގެން 11 ޕޮއިންޓެވެ. ކުޑަހުވަދޫ އޮތީ ދެ ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައެވެ.
މެޗުގެ ފުރަތަމަ މިނެޓުގައި ކުޑަހުވަދޫ އަށް ވަނީ ގޯލް ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެކަމަކު އެ ޓީމުގެ އަފޮންޔާ ޖިބޯލާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
ގްރީނުން މެޗުގެ ގިނަ ވަގުތު ކުޅެފައި ވަނީ އެއް ކުޅުންތެރިޔަކު މަދުކޮށްނެވެ. އެއީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކުޑަހުވަދޫ ކުޅުންތެރިޔަކަށް ބޯޅަ ނެތި ކުރި ފައުލަކާއި ގުޅިގެން ގްރީންގެ އަހުމަދުު ހަސަން އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑު ފޮނުވާލާފައެވެ.
ގްރީނުން އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ކުޑަހުވަދޫން ވަނީ ފުރަތަމަ ހާފުގެ ބާކީބައިގައި މެޗު ކޮންޓްރޯލްކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހުކޮޅު ކުޑަހުވަދޫގެ އާދަމް ޝަހީމް އޭރިއާ ތެރެއިން ފޮނުވާލި ހަމަލައެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.
ދެ ވަނަ ހާފުގެ ކުރީ ކޮޅުވެސް ކުޑަހުވަދޫ ވަނީ ގްރީންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ހާފު ކުރިއަށް ދިޔަ ވަރަކަށް ގްރީން އިން ދިޔައީ އަލުން މެޗުގެ ކޮންޓްރޯލް ހޯދަމުންނެވެ. އަދި 71 ވަނަ މިނެޓުގައި ލީޑު ނެގި އެވެ. މި ގޯލް ޖަހައިދިނީ ހިލޭ ޖެހުމަކުން ވިލިއަމް މަކޯ އެވެ.
އޭގެ އަށް މިނެޓު ފަހުން ނަތީޖާ ހަމަހަމަކުރަން ކުޑަހުވަދޫ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެ ޓީމުގެ އާދަމް ޝަހީމް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގްރީން ގޯލުގެ ދަނޑިއަށެވެ. އަދި މެޗުގެ ފަހު ވަގުތު ގްރީންސްޓްރީޓްސްގެ އިބްރާހިމް ރިޒްހާން (ރިޒްކޯ) އޭރިއާ ތެރެއިން ފޮނުވާލި ބޯޅައެއް ވެސް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ވެސް މެޗެއް ކުޅެވޭނެ އެވެ. މި މެޗުގައި ބައްދަލު ކުރާނީ ލީގުގެ އެއް ވަނާގައި އޮތް ނިއު ރޭޑިއަންޓާއި ތިނަދޫ އެވެ.