ސްޕެނިޝް ލީގު ތައްޓަށް ވާދަކާއިރު، ރެއާލް މެޑްރިޑަށް އަދިވެސް ބާސެލޯނާ އަތުލެވޭނެ ކަމަށް އެ ޓީމިގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލް ވަނީ ރޭ އަލަށް ޕްރޮމޯޓްވި ކެޓަލޯނިއާއަށް ނިސްބަތްވާ ޖިރޯނާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. މިއީ 1990 ވަނަ އަހަރު ބާގޯސް ނަމަކަށް ކިޔާ ޓީމެއް އަތުން ބަލިވި ފަހުން އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. މި ބައްޔާއެކު އެ ޓީމު އޮތީ އެއް ވަނާގައި އޮތް ވާދަވެރި ބާސެލޯނާއަށް ވުރެ އަށް ޕޮއިންޓް ފަހަތުގައެވެ.

މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ އަދިވެސް ބާސެލޯނާ އަތުލެވޭނެ ކަމަށާއި އެކާމާ މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ.

"ސީޒަން މިހާ ހިސާބުން ނިމުނީއެއް ނޫން. އެހެން ޓީމުތަށް ވެސް އަދި ބަލިވާނެ. ނަމަވެސް ގެއްލުނު ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓް. އަދި އަނބުރާ ނުލިބޭނެ ތިން ޕޮއިންޓް،" ޒިދާން ބުންޏެވެ.

ޒިދާން ބުނެފައި ވަނީ ކުޅުންތެރިންގެ ފަރާތުން ފެނިފައި ވަނީ ދަށް ކުޅުމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރިތަން ފެނިގެން ދިޔަ ކަމަށެވެ. އަދި ކުޅުންތެރިން އަދިވެސް ތިބީ ލަލީގާ ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއެކު ކަމަށް އޭނާ ބުނެފައިވެއެވެ.

އެ މެޗުން ބަލިވުމާއެކު އެ ޓީމު އޮތީ ކުޅުނު 10 މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނާގައެވެ. ތާވަލުގެ އެއް ވަނާގައި އޮތް ރެއާލްގެ ވާދަވެރި ބާސާއަށް ލިބިފައިވަނީ 28 ޕޮއިންޓް ކަމަށްވާއިރު ދެވަނާގައި އޮތް ވެލެންސިއާއަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ.