ރަމަޟާން މަސް އައުމުގެ ކުރިން ޒަމްޒަމްވަޅު މަރާމާތު ކުރުމަށް ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ ކައުންސިލްގެ ރައީސް އަބްދުރަހުމާން އަލް ސުދައިސް ނިންމަވައިފި އެވެ.

ޒަމްޒަމްވަޅު މަރާމާތު ކުރުމަށް ނިންމާފައި ވަނީ ދެ ބަޔަކަށް ބަހަލައިގެންނެވެ. ފުރަތަމަ ބަޔަކީ ވަޅާ ހަމައަށް ފަސް ބްރިޖު ގާއިމް ކުރުމެވެ. އެ ބުރިޖުތައް ގާއިމު ކުރާނީ ޒަމްޒަމްވަޅުގެ އިރުމަތީ ފަރާތުންނެވެ. ދިގުމިނުގައި 120 މީޓަރު އަދި ފުޅާމިނުގައި އަށް މީޓަރު ހުންނާނެ އެ ބްރިޖުތަކަކީ ވަޅުކައިރިއަށް ފަސޭހައިން ދެވޭނެ ގޮތް ހެދުމަށް ގާއިމް ކުރާ ބްރިޖްތަކެކެވެ.

އެ މަޝްރޫއުގައި ދެން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކީ ވަޅުގެ ވަށައިގެން ބެކްޓީރިއާ ފަދަ ޖަރާސީމުތައް ނުހުންނާނެކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތެވެ. ޒަމްޒަމް ވަޅުން މިހާރަށްވުރެ ފަސޭހައިން ފެން ނެގޭނެ އިންތިޒާމު ވެސް އެ މަޝްރޫއުގެ ދަށުން ހަމަޖައްސާނެ އެވެ. ކުރިއަށް އޮތް ހަތް މަސް ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އަބްދުރަހުމާން އަލް ސުދައިސް އާ ހަވާލާދީ ސައުދީގެ ހަބަރުތައް ބުނެއެވެ.

މަސްދަރު: އަރަބް ނިއުސް