30 Oct 2017, 19:07
ޕާކިސްތާނުގެ އަގާ ހާން ޔުނިވާސިޓީ ހޮސްޕިޓަލުގެ ޑޮކްޓަރަކު އޭނާ ފަރުވާދިން ބަލިމީހަކަށް ފޭސްބުކުން "ފްރެންޑް ރިކުއެސްޓް" ފޮނުވުމުން ވަޒީފާއިން ވަކިކޮށްފިއެވެ.
އެ މައްސަލާގައި ޑޮކްޓަރު "ފްރެންޑް ރިކުއެސްޓު" ފޮނުވައިފައި ވަނީ އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ޕާކިސްތާނުގެ މަޝްހޫރު ޑައިރެކްޓަރު ޝިރުމީން އޮބައިދް ޗިނޯއީގެ އަންހެން ކޮއްކޮއަށެވެ.

އޮސްކާ އިނާމު ހާސިލްކޮށްފައިވާ ޕާކިސްތާނުގެ ޑައިރެކްޓަރު ޝިރުމީން: ޑޮކްޓަރު ވަޒީފާއިން ވަކިކޮށްފައިވަނީ ޝިރުމީންގެ ކޮއްކޮ އަށް "ފްރެންޑް ރިކުއެސްޓު" ފޮނުވުމުން--
ޝިރުމީން ކުރި ޓުވީޓެއްގައި ބުނީ އެ ޑޮކްޓަރު އެ ބެހުނީ "ނުބައި" އާއިލާއެއްގެ "ނުބައި" މީހަކާއެވެ. އަދި ބުނީ އެ ޑޮކްޓަރުގެ އަމަލުތައް ރިޕޯޓްކުރާނެ ކަމަށެެވެ.
އެ މައްސަލައިގައި އެ ހޮސްޕިޓަލުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
There are zero boundaries in#pakistan! Last night my sister went to AKU emergency & the doctor who tended to her tried 2 add her on FB 1/2
— Sharmeen Obaid (@sharmeenochinoy)October 23, 2017
ނަމަވެސް ޕާކިސްތާނުގެ މަޝްހޫރު ބްލޮގަރެއް ކަމަށްވާ އަލީ މުއީން ނަވާޒިޝް އޭނާގެ ފޭސްބުކުގައި ލިޔުނު ލިޔުމެއްގައި ބުނީ އެ މައްސަލައިގައި އެ ޑޮކްޓަރު ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެ ޑޮކްޓަރަކީ ވަރަށް ހިތްހެޔޮ ހަތަރު ކުދިންގެ ބައްޕައެއް ކަމަށާއި، "ފްރެންޑް ރިކުއެސްޓު" ފޮނުވުމަކީ މީހަކާ ފޮށުން ކަމުގައި ނުބެލެވޭނެ ކަމަށެވެ.
ޕާކިސްތާނުގެ ކަރާޗީގެ ސައިބާ ކްރައިމްގެ ހެޑް އަބްދުލް ހަމީދު ބުއްޓޫ ވެސް ވިދާޅުވީ ފޮށުމުގެ އަމަލުތަކުގެ ތެރޭގައި މީހަކަށް "ފްރެންޑް ރިކުއެސްޓު" ފޮނުވުން ނުހިމެނޭނެ ކަމަށް އެގައުމުގެ "އެކްސްޕްރެސް ޓްރިބިއުން" ނޫހުން ބުންޏެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ލޯޔަރު، ހަލީލު އަހުމަދު ސިއްދީގީ ވެސް ވިދާޅުވީ ހަމަ އެ މޭރުމުންނެވެ.