ނޮވެމްބަރު 6 އިން 8އަށް، ލަންޑަނުގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް 2017 (ޑަބްލިއުޓީއެމް) އިވެންޓް ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި ޖުމުލަ 193 ބައިވެރިން ހިމެނޭކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރ ކޯޕަރޭޝަން (އެމްއެމްޕީއާރސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރސީން ބުނީ، މިފަހަރުގެ ޑަބްލިއުޓީއެމް ފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދަށް 193 ބައިވެރިއަކަށް ފުރުސަތު ދީފައި ވަނީ، އެކަމަށް އެދި ހުށަހެޅި 68 ކުންފުންޏެއް ހިމެނޭގޮތަށް ކަމަށެވެ.

މިއަހަރު ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ތަމްސީލުކުރުމަށް ލިބޭ އެންމެ ބޮޑު ހަރާކާތްކަމަށްވާ ޑަބްލިއުޓީއެމް 2017ގައި ރާއްޖެ ތަމްސީލުކުރާ ވަފުދުގެ ލީޑަރަކަށް ހުންނަވާނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމަނިކުފާނުގެ އަރިހުގައި އެޓާނީ ޖެނެރަލް އަހްމަދު އަނިލް އާއި ރާއްޖޭން އިނގިރޭސިވިލާތާއި ބެލްޖިއަމް، އަދި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ޝީއާން އާއި، އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު ހާރިސް މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނޮވެމްބަރު 6-8 އަށް ލަންޑަނުގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް ފެއާ 2017 އާ ގުޅޭ ގޮތުން، މައުލޫމާތު ދިނުމަށް ހޮޓެލް ޖެންގައި އެމްއެމްޕީއާރުސީން ބޭއްވި ބައްދަލުވުމުގެ ތެރޭން-- ސަން ފޮޓޯ: މުހައްމަދު އަފްރާޙް

ޑަބްލިއުޓީއެމް 2017ގެ ބައިވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހޮޓެލް ޖެންގައި އެމްއެމްޕީއާރސީގެ ފަރާތުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު ހާރިސް މުޙައްމަދު ވިދާޅުވީ، މިފަހަރުގެ ފެއާގައި ވީހާވެސް ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކޮށްފައި ވާނޭކަމަށެވެ.

މިފަހަރުގެ ޑަބްލިއުޓީއެމް ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ކަނޑައެޅިފައިވާ ޖާގަތައް ބެހުމުގައި، ރާއްޖޭގެ ފަތުރުވެރިކަން ވީހާވެސް ބޮޑަށް އިސްތިހާރު ކުރެވޭނޭ ގޮތަށް، ވީހާވެސް ގިނަ ދާއިރާތައް ހިމެނޭގޮތަށް ފުރުސަތު ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހާރިސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މިހާރުވެސް އެމްއެމްޕީއާރުސީގެ ފަރާތުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާކަމަށެވެ. އެގޮތުން، އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެޑްވެންޗަރ އޮފް މޯލްޑިވްސް، އޮންލައިން ޑިޖިޓަލް ވީޑިއޯ ކޮމްޕެޓިޝަނަށް ވޯޓުދިނުމަށް މިހާރު ހުޅުވާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިނޫނަސް ރާއްޖެގ ޕްރޮމޯޓުކުރުމަށް، އޮންލައިން ޕްލެޓްފޯމްތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.