ރާއްޖޭގައި ޑިމޮކްރެސީ ދަމަހައްޓައި ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ބޯލަނބައި މިނިވަން ޖުޑިޝަރީއެއް ގާއިމް ކުރުމުގައި ސާބިތުވެ ތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރެސީގެ ޅަފަތުގެ ދުވަސްވަރު ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބު ހޯދަމުން އަންނަ ކަމަށެވެ.

އަދި އިންސާނީ ހައްގުތަކާއި ޖުޑިޝަރީގެ މިނިވަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ސާބިތުވެ ތިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އީޔޫގެ ފަރާތުން ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި އޭޖީ މުހައްމަދު އަނިލްގެ އިތުރުން ދައުލަތުގެ ބައެއް ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އީޔޫ ޓީމުގެ ފަރާތުން އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނާ ވެސް އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ.