30 Oct 2017, 16:05
ފަތުރުވެރިކަމަށް އިންވެސްޓް ކުރާ ޑިވެލޮޕްމެންޓް ބޭންކެއް ރާއްޖެއަށް ބޭނުންވާ ކަމަށް ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.
ހޮޓެލިއާ މޯލްޑިވްސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވި ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހައުސިން ސްކީމުތަކުގެ ދަށުން އެބޭންކުތަކުން ވަނީ ރާއްޖޭގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. އަދި އެހެން ބައެއް ބޭންކުތަކުން ރިޒޯޓު ތަރައްގީ ކުރުމަށް އެއްބާރުލުން ދިން ނަމަވެސް އެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ކުޑަކޮށް ކަމަށާއި އެބޭންކުތަކުގެ އިންޓްރެސްޓް ރޭޓުތައް މަތި ކަންވެސް ޖަނާހު ފާހަގަ ކުރެއްވި އެވެ.
"ބޮޑެތި ގިނަ ޕްރޮޖެކްޓުތަކަށް ހަރަދު ކުރަނީ ބޭރު ގައުމުތަކުން، އެހެންކަމުން ރާއްޖޭގައި ކުރިއަށްދާ ބޮޑެތި ޕްރޮޖެކްޓުތަކަށް އެއްބާރުލުންދޭން އަޅުގަނޑުމެންގެ ބޭންކުތަކުން ތައްޔާރުވަމުން ނުދިޔުމަކީ ދެރަ ކަމެއް. ކޮންމެ ޕްރޮޖެކްޓަކަށް ވެސް ކޮންމެވެސް ގޮތަކަށް އެއްބާރުލުން ދޭނެ ޑިވެލޮޕްމެންޓް ބޭންކެއް ރާއްޖެ އަށް ބޭނުންވާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ޖިނާހު ވިދާޅުވި އެވެ.
ޖިނާހު ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޭންކުތަކުން އެފަދަ ޕްރޮޖެކްޓުތަކަށް އެއްބާރުލުންދޭ ނަމަ ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކާއި ރިޒޯޓް ތަރައްގީ ކުރާ ފަރާތްތައް އިތުރުވާނެ އެވެ. އަދި އެބޭންކުތަކުގެ އެހީއާ އެކު ޒުވާން، ކާމިޔާބު ވިޔަފާރިވެރިންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ޖިނާހު ވިދާޅުވި އެވެ.
މީގެ އިތުރުން ޖަނާހު ވަނީ މީގެ 10 އަހަރު ކުރިން ވުޖޫދަށް އައި އެޗްއާރުސީ އިން ވަނީ މިހާތަނަށް 52 ރިޒޯޓު ތަރައްގީކޮށްފައި ކަމަށާއި އެ ކުންފުންޏަކީ ގައުމުން ބޭރުގައި ކާމިޔާބު ކަމާއެކު ރިޒޯޓު ޕްރޮޖެކްޓެއް ނިންމި ރާއްޖޭގެ ހަމައެކަނި ކޮންސްޓްރަކްޝަން ކުންފުނި ކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. އެއީ 2015 ވަނަ އަހަރު ދޯހާގައި ތަރައްގީކޮށް ނިންމި ބަނާނާ އައިލޭންޑެވެ.