ދިއްލީ (އޮކްޓޯބަރު 30): ބޮލުން ގުޅިފައިވާ ދެ ކުދިން ވަކި ކުރުމަށް އިންޑިއާގައި ހެދި ފުރަތަމަ އޮޕަރޭޝަނަށް ފަހު އޭގެ ތެރެއިން އެއް ކުއްޖަކު ހޭ އަރައިފި ކަމަށް އެކުދިންގެ ޑޮކްޓަރަކު ބުނެފި އެވެ.

މީގެ ހަތަރު ދުވަސް ކުރިން ޖަގާ އާއި ކާލިއާގެ އޮޕަރޭޝަން ކުރިއަށްގެންދިޔަ ޕްރޮފެސަރު ދީޕަކް ގުޕްތާ ވިދާޅުވި ގޮތުގައި ޖަގާއަށް މިހާރު ހަރަކާތް ކުރެވެ އެވެ. ނަމަވެސް އޭނާ އޮތީ ވެންޓިލޭޓަރެއްގައި ކަމަށާއި، ކިޑްނީ މައްސަލަތަކުގެ ސަބަބުން ޑައެލިސިސް ހަދަން ޖެހޭ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

އަދި އެ އޮޕަރޭޝަނަށް ފަހު ކާލިއާ އަދި ހޭއަރާފައި ނުވާ އިރު އެކުއްޖާއަށް ބައެއް ފަހަރު ފިޓު ޖެހޭ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. ނަމަވެސް ދެކުދިންގެ ހާލު ދަނީ ރަނގަޅުވަމުން ކަމަށް ވެސް ޕްރޮފެސަރު ގުޕްތާ ވިދާޅުވި އެވެ.

ޖަގާ އާއި ކާލިއާ އުފަންވި އިރު ދެކުދިންގެ ލޭ ހޮޅިތަކާއި ސިކުނޑީގެ ބައެއް ޓިޝޫތައް ވަނީ ގުޅިފަ އެވެ. އެއީ ކޮންމެ ތިން މިލިއަން ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ދިމާވާ މައްސަލައެކެވެ. އަދި އެ ހާލަތު ދިމާވާ ކުދިންގެ ތެރެއިން 50 ޕަސެންޓު ކުދިން 24 ގަޑި އިރު ތެރޭގައި މަރުވެ އެވެ.

އޮރިއްސާގެ އަވަށަކަށް އުފަންވި އެދެކުދިންގެ އޮޕަރޭޝަންކޮށްފައި ވަނީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސްގެ 30 ޑޮކްޓަރުންގެ ޓީމަކުންނެވެ. އަދި އެއޮޕަރޭޝަން ނިމުނީ 16 ގަޑިއިރުންނެވެ. (ބީބީސީ)