ދޯހާ (އޮކްޓޯބަރު 30):ސިރިއާގައި ހަރަކާތްތެރިވާ ހައްދު ފަހަނަ އަޅައިފައިވާ ޓެރެރިސްޓު ގްރޫޕްތަކަށް ހަތިޔާރާއި ހަނގުރާމަވެރިން ފޯރުކޮށްދިނުމުގައި ގަތަރުގެ އިތުރުން ސައުދީން ވެސް އެހީވި ކަމަށް އެގަމުގެ ކުރީގެ ބޮޑުވަޒީރު ހަމަދް ބިން ޖާސިމް ވިދާޅުވެއްޖެ އެވެ.

ގަތަރުގެ ބަރުކާ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ސައުދީ، ގަތަރު އަދި ތުރުކީން އެމެރިކާއާ ބައިވެރިވި ކަމަށެވެ.

ގަތަރާއި ސައުދީ އަދި ތުރުކީން ސީރިއާގެ ހަނގުރާމަވެރި ގްރުޕްތަކަށް ހަތިޔާރު ފޯރުކޮށްދީފައި ވަނީ ތުރުކީގައި ގާއިމްވެގެން ތިބޭ އެމެރިކާ ސިފައިން މެދުވެރި ވެގެން ކަމަށް ހަމަދު ވިދާޅުވި އެވެ.

"ސީރިއާއަށް ފޮނުވާ ކޮންމެ ހަނގުރާމަވެރި ޝިޕްމަންޓެއް ވެެސް ދަނީ ތުރުކީ ތެރެއިން. އަދި އެ ހަތިޔާރުތައް ހަނގުރާމަވެރިންނަށް ބަހާނީ ތުރުކީގައި ގާއިމުވެގެން ތިބޭ އެމެރިކާ ސިފައިން،" ހަމަދް ވިދާޅުވި އެވެ.

ހަމަދު ވިދާޅުވީ ގަތަރު ހިމެނޭ ކޯލިޝަން ގައުމުތަކުން ހަތިޔާރު ފޯރުކޮށް ދީފައި ވަނީ "މެދުމިނު"ގެ ހަނގުރާމަވެރިންނަށް ކަމަށެވެ. ސީރިއާ ހަނގުރާމާގައި އެމެރިކާ އިން ހައްދުފަހަނަ އަޅައިފައިވާ ޓެރެރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެމެރިކާ އިން އަބަދު ވެސް ބުނަމުން ގޮސްފައި ވަނީ އެ ގައުމުން ހަތިޔާރު ފޯރުކޮށްދީފައިވަނީ "މެދުމިނު"ގެ ހަނގުރާމަވެރިންނަށް ކަމަށެވެ.

މެދުމިނުގެ ހަނގުރާމަވެރިންނަށް ހަތިޔާރުފޯރުކޮށްދިން ކަމަށް ހަމަދު އެއްބަސްވެ ވަޑައިގެންނެވިޔަސް އެ ހަތިޔާރުތައް އަލް ނުސްރާފަދަ ނުރައްކާތެރި ގްރޫޕްތަކުގެ އަތްމައްޗަށް ދިޔަކަމަށް ހުދު އޭނާވެސް އެއްބަސްވެވަޑައިގެންނެވިއެވެ. އަލް ނުސްރާއަކި އެމެރިކާއިން ވެސް ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ގްރޫޕެކެެވެ.

ހަމަދުވަނީ އައިއެސްއަށް އެއްވެސް ވަރަކަށް އެހީ ފޯރުކޮށްނުދޭ ކަމަށް ވިދާޅުވެފަ އެވެ.

ގަތަރާ ސައުދީ އަކީ ކުރިން ގާތް ގުޅުމެއް އޮތް ގައުމެއް ނަމަވެސް ދާދި ފަހުން ސައުދީން ވަނީ ގަތަރުން ޓެރެރިޒަމްއަށް ވާގިވެރިވާ ކަމަށް ބުނެ އެގައުމާ ހުރިހާ ޑިޕްލޮމެޓިކް ގުޅުމެއް ކަނޑައިލައިފަ އެވެ.