ރާއްޖެއަކީ ދުނިޔޭގެ ހޮސްޕިޓާލިޓީގެ ރޮނގުން އެންމެ ރަގަޅު ހިދުމަތެއް ދޭ ތަނަށް ހެދިދާނެކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި، އެމެރިކަން ހޮޓެލް އެންޑް ލޮޖިންގް އެޑިއުކޭޝަނަލް އިންސްޓިޓިއުޓް (އޭއެޗްއެލްއީއައި) އަދި އައިލޭންޑާސް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ އެކަޑަމީއާ (އައިޓީއެޗްއޭ)އާ ދެމެދު ވެވުނު ލައިސެންސް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދީ އެންމެ ބޮޑު މަސައްކަތްކަމަށާއި ފަތުރުވެރިކަން ދުވަހެއް ދުވަހަކަށް ފުޅާ ވަމުން އަންނަ އިރު އެ ދާއިރާގައި މަސައްކަތް ކުރުމަށް ޒުވާނުން ތަމްރީން ކުރަން ޖެހޭނެކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޓޫރިޒަމް މިނިސްޓަރު ޒަމީރު އަދި އެޑް ކާސްޓްލީ- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ދުނިޔޭގެ ހޮސްޕިޓާލިޓީގެ ރޮނގުން ރާއްޖެ އަކީ އެންމެ ރަގަޅު ހިދުމަތެއް ދޭ ތަނަކަށް ހެދިދާނެ. މި ދާއިރާއަށް ބޭނުންވަނީ މި ދާއިރާގައި މަސައްކަތް ކުރުމަށް ޒުވާނުން. ފަތުރުވެރިކަމުގެ ރޮނގުން ތައުލީމު ހާސިލްކުރަމުން އަންނަ ކުދިންނަށް ވަރަށް ގިނަ ފުރުސަތުތަކެއް މިހާރުވެސް އެބަހުރި،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ވިޔަފާރީގައި ވޮލިއުމް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކަމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ.

އެއްބަސްވުމުގައި ސޮެއިކުރުމަށްފަހު ޓޫރިޒަމް މިނިސްޓަރު ޒަމީރު އަދި އެޑް ކާސްޓްލީ- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ވެވުނު އެއްބަސްވުމުގައި އޭއެޗްއެލްއީއައިގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ވައިސް ޕްރެސިޑެންޑް އެޑް ކާސްޓްލީ އެވެ. އަދި އައިޓީއެޗްއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަބްދުލް ރަޝީދެވެ.

އެ އެއްބަސްވުމުގެ އިތުރުން އެ ރަސްމިއްޔާތުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ހޭލުންތެރިކުރުމުގެ ގޮތުން 'ދިރުނބާ'ގެ ނަމުގައި ކެމްޕޭނެއް އިފްތިތާހް ކޮށްފައެވެ.

އެ ކެމްޕޭނުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ އެ ދާއިރާގައި މަސައްކަތް ކުރުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ލިބިގެންދާނެކަމަށް އައިލޭންޑާސް އިން ބުންޏެވެ.