03 Aug 2011, 10:51
ސަންޓޯސްގެ ބްރެޒިލް ތަރި ނޭމާ މޮޅު ކުޅުންތެރިއަކަށްވާނެކަމަށް ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ ބުނެފިއެވެ. ނަމަވެސް ޕެލޭ ބުނާ ގޮތުގައި 2014 ވަނަ އަހަރުގެ ވޯލްޑްކަޕާއި ޖެހެންދެން ނޭމާ ބްރެޒިލްގައި މަޑުކުރުން ރަނގަޅުވާނެ އެވެ.
އުމުރުން 19 އަހަރުގެ ނޭމާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތައްކަމަށްވާ ޗެލްސީ، ރެއާލް މެޑްރިޑް، ބާސެލޯނާ އަދި މެންޗެސްޓާ ސިޓީއިން ވެސް މަސައްކަތްކޮށްފައިވެ އެވެ. ހަމައެއާއެކު ޕެލޭ ކުރިން ކުޅުނު ކްލަބް ސަންޓޯސްގައި ނޭމޭ މަޑުކުރުމަށް ޕެލޭ ވަނީ ވަރަށް ބޮޑަށް ބާރުއަޅައިފަ އެވެ.
"އަހަރެންނަށް އެނގޭ ނޭމާ ބްރެޒިލްގައި ބަހައްޓަން ވަރަށް އުނދަގޫވާނެކަން. ސަންޓޯސްއަކީ އަހަރެންގެ ވެސް ޓީމެއް. ނޭމާ ކުޅެން ފެށީވެސް ސަންޓޯސްއިން. އަހަރެން އުންމީދުކުރަން ނޭމާ 2014 ގެ ވޯލްޑްކަޕާއި ޖެހެންދެން ބްރެޒިލްގައި މަޑުކުރާނެކަމަށް،" ޕެލޭ ބުންޏެވެ.
ނޭމާއަކީ މޮޅު ކުޅުންތެރިއެއްކަމަށް ގަބޫލުކުރުމުގެ އިތުރުން ނޭމާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭނެކަމަށް ގަބޫލުކުރާކަމުގައި ޕެލޭ ބުންޏެވެ.
"ނާމާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އެކަމުގައި އެއްވެސް އޮޅުމެއްނެތް. އޭނާ ކަކާ އާއި މެސީ ފަދަ ކުޅުންތެރިއަކަށްވާނެ. ނޫނީ ރޮނާލްޑޯއާއި ޒިކޯ އާއި ޕެލޭ ފަދަ ކުޅުންތެރިއަކަށްވާނެކަމާއިމެދު ޝައްކެއްނެތް." ޕެލޭ ބުންޏެވެ.
ޗެލްސީ ނޫނީ މެންޗެސްޓާ ސިޓީއަށް ނޭމާ ދާނެކަމަށް ބައެއް މީޑިޔާ ރިޕޯޓްތަކުން މީގެ ކުޑަދުވަސްކޮޅެއްކުރިން ބުނަމުންދިޔަ އެވެ. ޕެލޭ ގަބޫލުކުރާގޮތުގައި މިވަގުތު ނޭމާ ޔޫރަޕްގެ ކްލަބަކަށް ބަދަލުވުމުން އޭނާއަށް ޔޫރަޕްގެ ފުޓްބޯޅަ ދަސްކުރުމުގައި ދަތިވާނެކަމެވެ.
"ނޭމާއަކީ ކޮންމެ ކްލަބަކަށްވެސް ކުޅެވިދާނެފަދަ ހުނަރުވެރި ކުޅުންތެރިއެއް. ނަމަވެސް ޔޫރަޕްގެ ކްލަބަކަށް ބަދަލުވެ އެތަނުގެ ފުޓްބޯޅައަށް ހޭނުމަށް ދުވަސްތަކެއް ނަގާނެ. އިނގިރޭސިވިލާތް، ޖަރުމަން އަދި އިޓަލީ ލީގުގައި ކުޅެމުންދާނީ ވަރަށް މާކްކޮށްގެން. އެހެންކަމުން އެކަމަށް ހޭނެން ދުވަސްތަކެއް ނަގާފާނެ." ޕެލޭ ބުންޏެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ނޭމާގެ ނަން ވިދައިގެނެއް ނުދިޔަ އެވެ. އެއާ ހިލާފަށް ބްރެޒިލް އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވެފައިވަނީ ޕެރަގުއޭ އަތުންނެވެ.
"މިއީ ފުޓްބޯޅަ. އެމީހަކު ހީކުރާގޮތް ނޫން ގޮތަކަށްވެސް ކަންތައްވެގެން ހިނގައިދާނެ. މީގެ ދެމަސްކުރިން މީހުން ބުނަމުންދިޔައީ ކޮޕާ އެމެރިކާގެ ފައިނަލްގައި ބައްދަލުކުރާނީ ބްރެޒިލްއާއި އާޖެންޓީނާއޭ. އެކަމު ކަންތައްވީ އެހެންނެއްނޫން." ޕެލޭ ބުންޏެވެ.
ޕެލޭ ސަންޓޯސްގައި ހޭދަކުރި 18 އަހަރުގެތެރޭގައި 605 މެޗް އެކްލަބަށްކުޅެ 589 ލަނޑު ކާމިޔާބުކޮށްދީފައިވެ އެވެ. ޕެލޭ މިހާރު މަސައްކަތްކުރަމުންދާ ނިއު ޔޯކް ކޮސްމުސްއަށްވެސް ޕެލޭވަނީ ކުޅުންތެރިއެއްގެގޮތުންދެ އަހަރުދުވަހު ކުޅެފަ އެވެ. އެކަލަބަށް ކުޅުނު 64 މެޗުން 37 ލަނޑު ކާމިޔާބުކޮށްފައިވެ އެވެ. ޕެލޭއަކީ މިހާރު ނިއުޔޯކް ކޮސްމުސްގެ އޮނަރަރީ ރައީސް އެވެ.