ދިވެއްސަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެއަށް އިންވެސްޓް ކުރަން އައި އެމެރިކާގެ ޖޯން ޗާލްސް ސޭފާޓް، އޭނާ ވަޒީފާ އަދާކުރި މުއްދަތަށް މުސާރަ ހޯދަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.

ޖޯން ދައުވާ ކުރީ އަބްދުލް ހަސީބު މުހައްމަދުގެ ގެސްޓު ހައުސްއެއް ހުޅުމާލޭގައި ހެދުމަށް އިންވެސްޓްކޮށް އެތަނުގެ އިންްކީޕަރެއްގެ މަގާމުގައި އޭނާ ވަޒީފާ އަދާކުރި މުއްދަތުގެ މުސާރަ ދީފައިނުވާ ކަމަށް ބުނެ އެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ ޖޯން އަށް އެއްވެސް އިރެއްގައި ވަޒީފާ ދީފައިނުވާނެ ކަމަށް ބުނެ އެ ދައުވާ އަށް ހަސީބު އިންކާރުކޮށްފައިވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނު ހިންގޭނެ ދާއިރާތަކަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މައްޗަށްކަން އެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަ ކަމަށެވެ.

އެގޮތުން މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތާ ދެމެދު ވަޒީފާގެ ގުޅުން ވުޖޫދުވެފައިވޭތޯ ބެލި އިރު، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތާ ދެމެދު ވަޒީފާގެ ގުޅުން އުފެދިފައިވާކަން ސާބިތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.

ޖޯންއާ ގުޅިގެން މަސައްކަތް ކުރަމުން އައި ދިވެހި މީހާއާ ދެމެދު މައްސަލަ ޖެހިފައި ވަނިކޮށް އޭނާގެ ޕާސްޕޯޓް ވަނީ ގެއްލިފަ އެވެ. އޭގެ ފަހުން އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއް ކަމަށް ބަލައި އޭނާ ޑީޕޯޓް ކޮށްލައިފަ އެވެ.