30 Oct 2017, 13:14
ނޭޕީޑޯ (އޮކްޓޯބަރު 30): މިޔަންމާގެ ރޮހިންގާ މުސްލިމުންނާ މެދު އެ ގައުމުގެ އަސްކަރިއްޔާ އިން އަމަލު ކުރާ ގޮތާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، މިޔަންމާގެ އަސްކަރިއްޔާ އަށް ތާއިދުކޮށް އެގައުމުގައި އެތައް ހާސް މީހުން ހިނގާލުމެއް ބާއްވައިފި އެވެ.
މިދިޔަ އޮގަސްޓް މަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު މިޔަންމާގެ ފުލުހުންނަށް ދިން ހަމަލާއަކާ ގުޅިގެން އެ ގައުމުގެ އަސްކަރިއްޔާ އިން ވަނީ ރޮހިންގާ މުސްލިމުން ދިރިއުޅޭ ރާހިން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އެ އޮޕަރޭޝަނުގެ ސަބަބުން މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުންގެ އަދަދު ވަނީ 600،000 އަށް ވުރެ އިތުރުވެފަ އެވެ.
ނަމަވެސް އިއްޔެ މިޔަންމާގެ އަސްކަރިއްޔާއަށް ތާއިދު ކުރާ ފަރާތްތަކާއި ބުޑިސްޓް ނޭޝަނަލިސްޓުންނާއި ފާދިރީން ވަނީ އެގައުމުގެ އަސްކަރިއްޔާ އަށް އޮތް ތާއިދު ދެއްކުމަށް ޓަކައި ހިނގާލުމެއް ބާއްވައިފަ އެވެ. އެ އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ބުނި ގޮތުގައި ގައުމުގެ ސިޔާދަތު ރައްކާތެރިކުރަނީ އަސްކަރިއްޔާ އިން ކަމުން، ސިފައިންނަށް އޮތް ތާއިދު ދެއްކުމަކީ މުހިއްމު ކަމެކެވެ.
އަދި މިޔަންމާ އަސްކަރިއްޔާގައި 41 އަހަރު ވަންދެން ހިދުމަތް ކުރި ސާޖެންޓެއް ކަމަށްވާ ކުޔޯ ތަން ވަނީ އެ ގައުމުގެ ސިފައިން ރޮހިންގާ މުސްލިމުން ރޭޕްކޮށް، މަރައި، އެމީހުންގެ ގެތަކުގައި ރޯކުރަމުންދާ ކަމަށް ކުރާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތައް ކަމަށާއި އަސްކަރިއްޔާ އިން ކުރާ މަސައްކަތީ ގައުމު ރައްކާތެރި ކުރުން ކަމަށް ބުނެފަ އެވެ.
ރޮހިންގާ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާ އިން ދެކޭ ގޮތުގައި އެއީ އެގައުމަށް އެތެރެވެފައިވާ ބަންގުލަދޭޝްގެ ބަޔެކެވެ. އަދި ރޮހިންގާ މުސްލިމުންނަށް ރަށްވެހިކަން ދިނުން ފަދަ ހައްގުތަކުން އެމީހުން ވަނީ މަހުރޫމް ކޮށްފަ އެވެ.
ނަމަވެސް އދ. އިން ވަނީ މިޔަންމާ އަސްކަރިއްޔާ އިން ދަނީ ރަހީން ސްޓޭޓުގައި ނަސްލެއް ނައްތާލުމަށް މަސައްކަތް ކުރަމުން ކަމަށް ބުނެފަ އެވެ. (ވީއޯއޭ)